ދިއްލީ (ޖުލައި 20): އިންޑިއާގެ ބިހާރުގައި އިއްޔެ ގެރި ވަގަށް ނަގަން އުޅުނު ކަމަށް ބުނެ ތިން މީހަކު މަރާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ބިހާރުގެ ސަރަންގު ޑިސްޓުރިކްޓުގައި ބަޔަކު ހަތަރު މީހަކަށް ހަމަލާ ދޭން ފެށީ އެމީހުން ގެރިތަކެއް ޕިކަޕަކަށް ލައިގެން ގެންދާ މަންޒަރު ފެނުމުންނެވެ. އަދި އެމީހުން ގެރި ވަގަށް ނެގީ ކަމަށް ތުހުމަތު ކުރުމުން، ޕިކަޕުގައި ތިބި ހަތަރު މީހުންގެ ތެރެއިން އެކަކު ފިލީ އެވެ.

އޭގެ ސަބަބުން އަވަށުގެ މީހުން އެއްވެ، ދެން ތިބި ތިން މީހުންނަށް ހަމަލާ ދޭން ފެށީ އެވެ. އަދި ފުލުހުން އެހަމަލާތައް ހުއްޓުވައި، އެތިން މީހުން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހުން މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުންޏެވެ.

ބިހާރުގެ ފުލުހުން ބުނި ގޮތުގައި އެތިން މީހުންގެ ޕޯސްޓްމޯޓަމް ހަދަން މިހާރު ވަނީ ފޮނުވާފަ އެވެ. އަދި އެހަމަލާގައި ބައިވެރިވި ހަތް މީހަކު ވަނީ މިހާތަނަށް ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ ވެރިކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވި ފަހުން އެގައުމުގައި ގުރޫޕުތަކުން ހަމަލާދީ މީހުން މަރާލާ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. އަދި ހިއުމަން ރައިޓްސް ވޮޗްއިން ބުނާ ގޮތުގައި 2015 އާއި 2018އާ ދޭތެރޭ، ގެރިއާ ގުޅުން ހުރި މައްސަލަތަކުގައި 44 މީހުން މަރާފައިވެ އެވެ.