ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބުކޮށް ރެޑްލައިން ކުލަބް ފައިނަލަށް ދަތުރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މިމެޗް ރެޑްލައިނުން ކާމިޔާބު ކުރީ ޑީ ބާސްކެޓް ބޯލް ކުލަބާއި ބައްދަލުކޮށް 57 ޕޮއިންޓް 92 ޕޮއިންޓުންނެވެ.

މެޗުގައި ޑީބީސީ އަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބު ކޮށްދިނީ 19 ޕޮއިންޓް ހޯދައިދިން އަލީ އާމިރެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ރެޑްލައިނަށް 32 ޕޮއިންޓް ހޯދައިދިން މުޙައްމަދު ޒިލާލެވެ.

މުބާރާތުގެ ފައިނަލްގައި ރެޑްލައިން ނުކުންނާނީ، މިރޭ ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ. ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ 8:30ގައި ބައްދަލުކުރާ ދެ ޓީމަކީ ޓީރެސް ބާސްކެޓް ބޯލް ކުލަބާއި ހަރިކޭން ބީސީ އެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު 4:15ގަ އެވެ.