މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ދުވަސްވަރެއް ކަމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމަ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

އެ އިދާރާއިން މިއަަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

މެޓުން ބުނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުވެސް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ތަކުގައި މެދުތެރެއާއި ދެކުނުގެ އަތޮޅިތަކަށް އުދައަރާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާ ދެމެދުގައެވެ.