20 Jul 2019, 01:10
ހުސެއިން ފަޔާޒް ބަލިކޮށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އަހުސަން ހާޝިމް ހޯދައިފިއެވެ.
އެޕްޕީބީއޭ ކުލަބް ހައުސްގައި ބޭއްވި މި މުބާރާތުގެ ތަށި އަހުސަން ހާޝިމް ހޯދީ ފައިނަލުގައި ހުސެއިން ފަޔާޒާ ވާދަކޮށްގެންނެވެ. މި މެޗު އަހުސަން ކާމިޔާބުކުރީ 9 ފްރޭމް 7 ފްރޭމުންނެވެ. މި މެޗުގައި އަހުސަން ހާޝިމްގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. ފިރިހެން ބައިގެ ތިންވަނަ ހޯދާފައިވާ ކުޅުންތެރިއަކީ ހަސަން ޝާޒު މުހައްމަދެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ބިލިއާޑް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުސެއިން ފަޔާޒަކީ މިދިޔަ އަހަރު ބޭއްވި ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާއެވެ.
މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާމިނަތު ހަލީމް (ދިލް) އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދީނާ އަހުމަދުގެ މައްޗަށް 5 ފްރޭމް 3 ފްރޭމުން ކުރި ހޯދައިގެންނެވެ. މިއީ އެމްޕީބީއޭ އިން އަންހެން ކުޅުންތެރިންނަށް ރޭންކިން ދޭން ފެށި ފުރަތަމަ އަހަރެވެ. މި ރޭންކިން އިން ކުރި ލިބޭ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ލިބިގެންދާނެއެވެ. އަންހެން ބައިގެ ތިންވަނަ ހޯދާފައިވަނީ އައިޝަތު ޒީނާއެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު ސަމީރެވެ. އެއްވަނަ ދެވަނަ އަދި ތިންވަނަ ކުޅުންތެރިޔާގެ އިތުރަށް މުޅި މުބާރާތުގެ އެންމެ މޮޅު 8 ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ދުންޔާޒް މުހައްމަދާއި އިސްމާއިލް ސުވެއިދާއި ހުސެއިން ސަނީފް އަދި މުހައްމަދު ޝާހިދު އާއި މުހައްމަދު ޝަރީފެވެ.