20 Jul 2019, 08:39
މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު ގަދަ ޖޫން މަހަކީ މި އަހަރުގެ ޖޫން މަސް ކަމަށް ބުނެފި އެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުގެ ޑޭޓާ އަށް ބަލާ އިރު މި އަހަރުގެ ޖޫން މަހުގެ ހޫނު މިން ހުރީ މީގެ ކުރިން އެންމެ ހޫނު ގަދަ ޖޫން މަހަށް ވުރެ 1.71 ޑިގްރީ ފެރެންހެއިޓް މަތީގަ އެވެ. މިދިޔަ ޖޫން މަހު އެވްރެޖުކޮށް ގްލޯބަލް ޓެމްޕަރޭޗާ ހުރީ 61.6 ޑިގްރީ ފެރެންހެއިޓްގަ އެވެ.
ފާއިތުވި 43 އަހަރަށް ބަލާ އިރު ޖޫން މަހު ދުނިޔޭގެ ހޫނުމިން މަތިވަމުން ގޮސްފައިވާ ކަމަށާއި މިދިޔަ ޖޫން މަހަކީ އާދަޔާހިލާފަށް ހޫނު ގަދަވި މަހެއް ކަމަށް ބުނެފައިވެ އެވެ.
ހޫނު ގަދަވުމުގެ ސަބަބުން އެޓްލާންޓިކް ކަނޑުގެ އައިސްގަނޑުތައް ވިރެމުންދާ ކަމަށާއި ނަތީޖާއެއްގެ ގޮތުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ކަމަށް ވެސް ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަނުން ބުނެފައިވެ އެވެ.
އެ އިދާރާ އިން ބުނެފައި ވަނީ މި އަހަރު ފެށުނީއްސުރެ ދުނިޔޭގެ އެވްރެޖް ޓެމްޕަރޭޗާ އުފުލި ހޫނު ގަދަވަމުންދާ ކަމަށެވެ.