19 Jul 2019, 20:48
މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ބ. ގޮއިދޫ ސިއްހީ މަރުކަޒުގެ ދޮރު އެއްލާލައިފި އެވެ.
ގޮއިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސިޔާން ސަން އަށް ވިދާޅުވީ މިއަދު ސިއްހީ މަރުކަޒުގެ ދޮރު އެއްލާލައިފައި ވަނީ އައި ވަރުގަދަ ރޯޅިއެއްގެ ސަބަބުން ކަމަށެވެ.
ހެލްތު މިނިސްޓްރީއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބަލައި މޮނީޓަކޮށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލައި އެތަންތަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ގޮއިދޫގައި މިއަދު މަރުކަޒުގެ ދޮރު އެއްލާލުމުގެ އިތުރުން ދެ ގެއެއްގެ ފުރާޅު ވެސް ވަނީ އެއްލާލައިފަ އެވެ. ނަމަވެސް އެއީ މީހުން ނޫޅޭ ދެގެ ކަމަށް ސިޔާން ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ގޮއިދޫ ގެއެއްގެ ފުރާޅު އެއްލާލައިފައި -- ފޮޓޯ: ކައުންސިލް
"ދެގެއެއްގެ ފުރާޅުއެއްލާލީ. އެއްގޭ ފުރާޅު އެއްލާލި ވަގުތު ޖެހިގެން ހުރި ގެއަށް ވަނީ ގެއްލުން ލިބިފައި،"
އޭނާ ވިދާޅުވީ އެ ގެއަކީ އަލަށް އިމާރާތްކުރި ގެއެއްކަމަށާއި އެގޭ މަތީ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ގޭގެ ފާރުގެ އެއްބައި ވެއްޓި ސީލިން ވެއްޓިފައިވާ ކަމަށެވެ.