31 Oct 2011, 11:00
ސަރުކާރާއި ރައްޔިތުން ބައިވެރިވާ، ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ]އެމްޓީސީސީ[ އަށް މިދިޔަ އަހަރު 15 މިލިއަން ރުފިޔާ ގެއްލުންވެ، ހިއްސާ ދާރުންނަށް އެއްވެސް ފައިސާއެއް ނުބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
އެ ކުންފުނީގެ ބޯޑުން އެގޮތަށް ނިންމާފައި ވަނީ ސްޓެލްކޯގެ މާލަމުގައި ރޭ އޮތް އެ ކުންފުނީގެ 2010 ވަނަ އަހަރުގެ އަހަރީ ޖަލްސާގަ އެވެ.
ޕްރޮކްސީއާ އެކު ކުންފުނީގެ 288 ހިއްސާދާރަކު ބައިވެރިވި ބައްދަލުވުމުގައި އެ ގޮތަށް ނިންމި އިރު ކުންފުންޏަށް މިދިޔަ އަހަރު ވަނީ 15،072،214ރ. ގެއްލުންވެފަ އެވެ. މިއީ 2009 ވަނަ އަހަރު ލިބުނު ގެއްލުމަށް ވުރެ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ އިތުރު އަދަދެކެވެ.
ކުރިން ބޮޑު ފައިދާއެއް ލިބެމުން އައި ކުންފުނިން 2009 ވަނަ އަހަރު ވެސް ވަނީ 14.26 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެމްޓީސީސީގެ 2010 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން އެ ކުންފުނިން 419 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި އެއީ 2009 ވަނަ އަހަރު ކުރި ވިޔަފާރި، 474 މިލިއަން އަށް ވުރެ، 55 މިލިއަން ރުފިޔާ މަދު އަދަދެކެވެ.