އާ ހިދުމަތްތަކާއެކު ކުޑަކުދިންގެ މަލްޓިމީޑީއާ ލައިބްރަރީ އަލުން ހުޅުވައިފިއެވެ.

މިއަދު ހަވީރު އެ ލައިބްރަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލައިބްރަރީ ހުޅުއްވައިދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މަހާސިން އަހުމަދު ދީދީ ވިދާޅުވީ އެ ލައިބްރަރީއަކީ 13 އަހަރުން ދަށުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހަދައިފައިވާ ލައިބްރަރީއެއް ކަމަށެވެ.

އަލުން ލައިބްރަރީ ހުޅުވިއިރު ކުޑަކުދިން ކުޅޭނެ ކުޑަތަންކޮޅެއްވެސް ވަނީ ހަދައިފައެވެ. އޭގެ އިތުރުން ސްކްރީންއެއްގައި އަޅުވައިގެން ކުޑަކުދިންނަށް ވާހަކަ ކިޔަންވެސް ވަކި ކޮޓަރިއެއް ހާއްސަކޮށްފައިވެއެވެ. އަދި ބޯޑް ގޭމްސްވެސް ކުޑަކުދިންނަށް ކުޅެވޭނެގޮތް އެތަނުގައި ވަނީ ހަދައިފައެވެ.

އެ ލައިބްރަރީގައި ކުޑަކުދިންނަށް ހާއްސަކޮށް ކިޔަވާ އަދި ހޯމްވޯކް ހެދުމަށްވެސް ވަކި ކޮޓަރިއެއްވަނީ ހާއްސަކޮށްފައެވެ.

"މީގެ [ކިޔަވާ ކޮޓާރީގެ] ބޭނުމަކީ މިހާރުވެސް ކުދިން އުޅެނީ ވަރަށް ކުދި ތަންތާނގައި ދިރިއުޅެމުން މިގެންދަނީ. އެހެންވީމާ އެކުދިންނަށް ހޯމްވޯކް ނޫނީ މަސައްކަތް ކޮށްލަން މި ދެންނެވި ސްޓަޑީ ރޫމް ހުންނާނެ. ކުދިންހަމަ ބުކް ކޮށްލާފައި ކިޔަވަންވީ ބެލެނިވެރިއަކާއެކީގައި ސްޓަޑީރޫމްގައި،" މަހާސީން ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ލައިބްރަރީގައި ރަޖިސްޓްރީވެގެން ކުރިއެކޭވެސް އެއްގޮތަށް ފޮތްވެސް ގެއަށް ގެންދަން ނެގެއެވެ.