19 Jul 2019, 15:59
އައްޑޫ ސިޓީގައި ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އެ އެ ސިޓީގެ ކައުންސިލުން ފަށައިފި އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށް ޓަކައި މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް އޮންނަން ވާނެކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ވެސް ބަޔާންކޮށްފައިވެ އެވެ.
އައްޑޫ ސިޓީގެ ކައުންސިލުން ބުނީ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ޓަކައި "ހަރަހެރި" ނަމުގައި ވެބް ޕޯޓަލްއެއް ފަރުމާކޮށް، މިހާރުދަނީ އައްޑޫސިޓީގެ އަވަށު އޮފީސްތަކުގައި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން ކަަމަށެވެ.
ދަފުތަރާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) "ސަން" އަށް ވިދާޅުވީ އެ ދަފުތަރު އެކުލަވާލުމަށް ފަހު އަބަދު ވެސް ދަފުތަރު އަޕްޑޭޓްކުރަމުންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަދި އަންގާނަން އައްޑޫގެ ކުންފުނިތަކާއި އަދި ސަރުކާރުގެ ތަންތަނަށް ވެސް އެތަންތަނުގެ ބިދޭސީން ދަފުތަރުގައި ރަޖިސްޓްރީ ކުރުމަަށް،" ސޯދިގު ވިދާޅުވި އެވެ.
ދަފުތަރު އެކުލަވާލާ އިރު، އައްޑޫ ސިޓީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވެސް އިތުރު ފުރުސަތެއްދީ އެ މީހުންނަށް އަލުން ވާކް ވިސާއަށް އެދުމުގެ ފުރުސަތު ދޭގޮތަށް ނިންމާފައިވާ ކަމަށް ސޯދިގު ވިދާޅުވި އެވެ.
"މިހާރު ވެސް ކިތަންމެ ބަޔަކު އެބައުޅޭ އިތުރަށް ބިދޭސީން ގެންނަން ބޭނުންވާ ފަރާތްތައް ވެސް ތެދެއްތޯ." ސޯދިގު ވިދާޅުވި އެވެ.