ދުނިޔޭގެ އާބާދީ އަށް ހަތް ބިލިޔަން ހަމަވާނެ ކަމަށް ބެލެވޭ އަންހެން ކުއްޖަކު ފިލިޕީންސްގައި އުފަން ވެއްޖެ އެވެ.
ފިލިޕީންސްގެ ވެރިރަށް މެނީލާގައި ހުންނަ ޖޯސޭ ފަބެއްލާ ހޮސްޕިޓަލްގައި އުފަންވި ޑެނީކާ މެކަމާމާޗޯ އަކީ ދުނިޔޭގެ އާބާދީގެ ރަމްޒީ ހަތް ބިލިޔަން ވަނަ ކުއްޖެއް ކަމަށް ވާތީ އދ. އިން ވަނީ ޑެނީކާގެ އާއިލާ އަށް ކޭކެއް ހަދިޔާކޮށް، ހޮސްޕިޓަލްގައި ކުޑަ ހަފުލާއެއް ބާއްވާފަ އެވެ.

ދުނިޔޭގައި 12 ވަނަ އަށް އެންމެ އާބާދީ ބޮޑު ފިލިޕީންސްގެ ފްލޮރަންޓް ގަލޫރާ އާއި ކެމިލީ ގަލޫރާ އަށް ލިބުނު ދެ ވަނަ ދަރިފުޅު ކަމަށްވާ ޑެނީކާ އުފަން ވި އިރު ބަރުދަނުގައި ހުރީ ފަސް އެލްބީ އެވެ.

ޑެލިވަރީ ރޫމުން ޑެނީކާ އާއި އޭނާގެ މަންމަ ކެމީލީ ނެރުނު ވަގުތު ގިނަ އަދަދެއްގެ ނޫސްވެރިންގެ ކެމެރާތަކުގެ ފްލޭޝް އެދެމައިންގެ ގަޔަށް އެޅިގެން ދިޔަ ނަމަވެސް ޑެނީކާގެ މަންމަ ކެމިލީ ބުނެފައި ވަނީ އޭނާގެ ދަރިފުޅު ވަރަށް ލޯބި ކަމަށާއި އެއީ ދުނިޔޭގެ ހަތް ބިލިޔަން ވަނަ ކުއްޖާ އަށް ވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

ހަތް ބިލިޔަން ވަނަ ކުއްޖާ އަށް ވުމުގެ ސަބަބުން ޑެނީކާ އަށް ވަނީ ވަރަށް ގިނަ އަގުބޮޑު ހަދިޔާތައް ލިބިފަ އެވެ. އދ. އިން ދިނީ ކުޑަ ކޭކެއް ކަމަށް ވިޔަސް ފިލިޕީންސްގެ އެކި ފަރާތްތަކުން ދީފައިވާ ހަދިޔާތަކުގެ ތެރޭގައި ސްކޮލަޝިޕަކާއި އެއާއިލާ އަށް ދިން ދިރިއުޅުމުގެ ޕެކޭޖެއް ހިމެނެ އެވެ. އެޕެކޭޖްގެ ދަށުން އެއާއިލާ އަށް ފިހާރައެއް ހުޅުވުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ޑެނީކާއަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިއަދު އުފަން ވާނެ ކަމަށް ބެލެވޭ ރަމްޒީ ހަތް ބިލިޔަން ވަނަ އެތައް ކު ދިންނެއްގެ ތެރެއިން ފުރަތަމަ ކުއްޖާ އެވެ. މިއަދު 31 އޮކްޓޯބަރު 2011 އަކީ ދުނިޔޭގެ އާބާދީގައި ހަތް ބިލިޔަން ހަމަވާނެ ކަމަށް އދ. ން އަންދާޒާކޮށްފައިވާ ދުވަހެވެ.

94.9 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ފިލިޕީންސަކީ ދުނިޔޭގެ 12 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި 1.35 ބިލިޔަން މީހުން އުޅޭއިރު ދެވަނައިގައިވާ އިންޑިޔާގައި އުޅެނީ 1.24 ބިލިޔަން މީހުންނެވެ.