31 Oct 2011, 10:29
އަންނަ މަހު ދެކުނުގައި ބާއްވާ ސާކް ސަމިޓާ ދިމާކޮށް ފުވައްމުލަކުގައި ހެދި އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓެއް ޖައްސާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސިވިލްއޭވިއޭޝަނުން ބުނެފި އެވެ.
ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހުސައިން ޖަލީލު މިއަދު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ޑޭޝް 200 މަރުކާގެ، 37 ގޮޑީގެ ބޯޓްގައި މިއަދު މެންދުރު ފަހު ފުވައްމުލަކަށް ޖައްސާ ބޯޓަކީ ޓެކްނިކަލް ފްލައިޓެއް ކަމަށާއި އެ ރަންވޭ ކޮމާޝަލް ނޫނީ ސިވިލް ބޭނުންތަކަށް އޮޕަރޭޓް ކުރުމުގެ ހުއްދަ ދެއްވާނީ މިއަދުގެ ފްލައިޓަށް ފަހު ބަލަން ޖެހޭ ކަންތައްތައް ބެއްލެވުމަށް ފަހު ކަމަށް ޖަލީލު ވިދާޅުވި އެވެ.
ކުރިން ޓްރާންސްޕޯޓުން ހަމަޖައްސާފައި އޮތީ އެ ފްލައިޓްގައި ފަހު ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމުގެ އިތުރަށް ނޫސްވެރިން ބައިވެރިވާ ވަކި ފްލައިޓެއް މިއަދު އެ ރަށަށް އޮޕަރޭޓް ކުރުމަށެވެ. އަދި ނޫސްވެރިންނަށް ވެސް ދައުވަތު ދިނެވެ.
ނަމަވެސް މިނިސްޓަރު އާދިލް މިއަދު ވިދާޅުވީ ޓެކްނިކަލް ބޭފުޅުން ވަޑައިގެން ބެއްލެވުމުގެ ކުރިން އިތުރު ގޮތަކަށް ޕްލޭން ކުރެއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި މަދަނީ ދަތުރުވެރިންގެ ހައްގުތައް ހޯއްދަވައިދެއްވުމަށް ހުވާ ކުރައްވައިގެން ހުންނެވި ބޭފުޅަކު އަމުދުން އެކަންކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ، އޭނާ އަށް އެނގިވަޑައިގެންފައިވާ ގޮތުގައި، މިހާރު އެ ރަށަށް އަލިފާން ނިއްވާ ލޮރީއާއި އަދި ކޮމިއުނިކޭޝަން އިކްވިޕްމަންޓް ގާއިމުކުރެވިފައިވާ ކަމަށާއި ޝެޑިއުލާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ފުވައްމުލަކުގައި ގާއިމުކުރަނީ، ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓުން ބުނި ގޮތުގައި، ހަނިމާދޫ އާއި ކައްދު އާއި އަދި ކާޑެއްދޫގައި އޮތް ވަރުގެ 1200 މީޓަރުގެ ރަންވޭ އެކެވެ.