18 Jul 2019, 20:19
މިހާރަކަށް އައިސް ސައިކަލް ވަގަށް ނެގުން އިތުރުވަމުންދާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އޮޕަރޭޝަން ފަށާއިފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. އެގޮތުން ގެއްލިގެން ރިޕޯޓްކުރި 34 ސައިކަލްގެ ތެރެއިން 23 ސައިކަލެއް ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އޭގެ ތެރެއިން 11 ސައިކަލް ފުލުހުން ހޯދި ކަމަށާއި އަދި 12 ސައިކަލް އެ ސައިކަލްތަކުގެ ވެރިފަރާތުން ހޯދި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން އެ އޮޕަރޭޝަން ފެށުމުގެ ކުރިން ވެސް ގެއްލިގެން އުޅުނު ނުވަ ސައިކަލެއް ހޯދައިފައިވާ ކަަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފެށި އިރު ގެއްލިގެން އުޅުނު ސައިކަލެއް މޫދު އަޑިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފެނިފަ އެވެ.
އެ ސައިކަލް ފެނުނީ ނޯތު ހަބަރު ކައިރިންނެވެ. ގެއްލިގެން ހޯދި އެ ސައިކަލް ހޯދަން ފުލުހުން ވެސް ދެ މަސްކުރިން އިއުލާން ވެސް ކުރި އެވެ.
މާލޭގައި މިހާރު ވެސް ދޭތެރެ ދޭތެރެއިން ސައިކަލް ގެއްލުމުގެ ހާދިސާތައް ހިނގަ އެވެ. އަދި އެފަދަ ސައިކަލްތައް އެކި ގޮތްގޮތައް މޮޑިފައިކޮށް ދުއްވަމުންދަނިކޮށް ފުލުހުން އެ ސައިކަލްތައް ހޯދައިފައި ވެސް ވެ އެވެ.