ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ގެ އިންތިގާލީ ކައުންސިލްގެ ދެ ނާއިބު ރައީސް ކަމުގެ މަގާމަށް ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ހޮވައިފި އެވެ.

ޕީޕީއެމްގެ މީޑިޔާ ކޯޑިނޭޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ ނާއިބު ރައީސް ކަމަށް އުމަރު ނަސީރު އިންތިހާބުވީ 21 ވޯޓުން ކަމަށެވެ. ދެވަނަ އަށް އިންތިހާބުވި އަބްދުއްރަހީމަށް ލިބިވަޑައިގަތީ ނުވަ ވޯޓެވެ. އުމަރާއި އަބްދުއްރަހީމްގެ އިތުރުން ނާއިބު ރައީސް ކަމަށް ވާދަކުރެއްވީ ވިލިމާފަންނު ދާއިރާގެ އަހުމަދު ނިހާން ހުސެއިން މަނިކާއި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ހަމްދޫން އަބްދުﷲ ހަމީދެވެ.

އެއްތިރީސް މީހުންގެ ކައުންސިލްގައި ރޭ ބައިވެރިވެވަޑައިގެންފައި ވަނީ 23 ބޭފުޅުންނެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 83 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ ޕާޓީގެ ނާއިބު ރައީސް ކަމަށް ދެ ބޭފުޅަކު މި އިންތިހާބު ކުރީ ރޭ ބޭއްވި ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުންނެވެ.
ޕީޕީއެމްގެ ވަގުތީ ރައީސްކަމަށް އެ ޕާޓީ އުފެއްދުމައް ބޭއްވި ޖަލްސާގައި އިންތިހާބު ކޮށްފައިވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމެވެ.