ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދައްޚުލް ވުމަށް ހުށަހަޅައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު މީގެ ކުރިން ވިދާޅުވީ ބީއެމްއެލް އިން އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރީ މައުލޫމާތެއް ހޯދަން އެދުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ބޭންކުގައި އެދުމުން ހައިކޯޓުގެ ނިންމުމަކާ ގުޅިގެން އެ މައުލޫމާތު ދިނުމަށް ދަތިތަކަކާ ކުރިމަތިވާ ކަމަށް ބުނެފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ މިހާރު ވަނީ ފަށާފަ އެވެ.