31 Oct 2011, 08:57
ކުއާލަލަންޕޫރު (އޮކްޓޯބަރ 31) : ސައެންޓިފިކް ގޮތުން ހުޅަނގުގެ ޤައުމުތަކަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އެއީ ނަމޫނާއަކަށް ބަލަންޖެހޭ ކާމިޔާބު ޤައުމުތަކެއް ނޫންކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުޙައްމަދު ސިފަކުރައްވައިފިއެވެ.
މަހާތީރު، އިސްލާމީ ޤައުމުތަކަށާއި މުސްލިމުންނަށް ގޮވާލެއްވީ ކުރިއެރުމާއި ތަރައްޤީ ޙާސިލްކުރުމުގައި ހުޅަނގުގެ ޤައުމުތައް ނަމޫނާއަކަށް ބެލުމުގެ ބަދަލުގައި ޖަޕާން، ޗައިނާ، ސިންގަޕޫރު، ދެކުނު ކޮރެޔާ ފަދަ ޤައުމުތައް ނަމޫނާއަކަށް ބެލުމަށެވެ. މަހާތީރު ވިދާޅުވީ އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ބިނާކޮށްފައިވަނީ ދަރަނީގެ މައްޗަށްކަމަށާއި އެޤައުމުތަކަށް ދުވަހަކުވެސް ދަރަނިން ސަލާމަތް ނުވެވޭނެ ކަމުގައެވެ.
ހުޅަނގުގެ ޙާލަތު މިގޮތަށްއޮތްއިރު ޖަޕާން، ޗައިނާ، ސިންގަޕޫރު، ދެކުނު ކޮރެޔާފަދަ އޭޝިޔާގެ ކުރިއަރާފައިވާ ޤައުމުތައް ބިނާކޮށްފައިވަނީ ދަރަނީގެ ބަދަލުގައި އެޤައުމުތަކުގެ އަތުގައިވާ ޙަޤީޤީ ތަކެތީގެ މައްޗަށް ކަމުން މުސްތަޤްބަލްއޮތީ އޭޝިޔާގެ ޤައުމުތަކަށް ކަމަށް މަހާތީރު ވިދާޅުވިއެވެ. "ކުރިއަރާފައިވާ އޭޝިޔާގެ ޤައުމުތައް ފައިސާއާއި ތަނަވަސްކަމުގެ ކަނޑެއްގެ މަތީގައިވާއިރު ހުޅަނގު ޔޫރަޕްގެ ޤައުމުތަކާއި އެމެރިކާދަނީ ދަރަނީގެ ކަނޑެއްގައި ފަތަމުން އަދި ފެތެމުން" މަހާތީރު ވިދާޅުވިއެވެ.
މަހާތީރު ވިދާޅުވީ އެމެރިކާއާއި ހުޅަނގު ނަމޫނާއަކަށް ބަލަން އެއްވެސް ބަޔަކަށް އަދި ޚާއްސަކޮށް މުސްލިމުންނަށް ނުޖެހޭ ކަމަށާއި ހުޅަނގުގެ ގޮތްތައް ކޮޕީކޮށްގެން ދުނިޔޭގެ އެއްވެސް ޤައުމެއް ކުރިއަރާފައިނެތް ކަމުގައެވެ. އިސްލާމީ ޤައުމުތަކަށާއި މުސްލިމުންނަށް މަހާތީރު ގޮވާލެއްވީ ކުރިއެރުމާއި ތަރައްޤީ ޙާސިލްކުރުމަށްޓަކައި ދަރަނިވެރިވެފައިވާ ހުޅަނގަށް ބަރޯސާ ނުވުމަށާއި އޭގެބަދަލުގައި ތަރައްޤީގެ ކާމިޔާބު ނަމޫނާތައް ޖަޕާން، ޗައިނާ، ސިންގަޕޫރު އަދި ދެކުނު ކޮރެޔާފަދަ އޭޝިޔާގެ ޤައުމުތަކުން ހޯދުމަށެވެ.
މެލޭޝިޔާގެ އުތުރުގައި ކުރިޔަށްދާ "އިސްލާމިކް ފައިނޭންސް" އާބެހޭ ބައިނަލްއަޤްވާމީ ސިންޕޯޒިޔަމެއްގައި ވާހަކަ ދައްކަވަމުން، "ބުއްދިވެރިން ފިލާވަޅު ހޯދާނީ ކާމިޔާބު ޤައުމުތަކުން ކަމަށާއި ހުޅަނގުގެ ނާކާމިޔާބު ޤައުމުތަކުން ނޫން ކަމަށް" މަހާތީރު ވިދާޅުވިއެވެ. (ރޮއިޓާސް)