18 Jul 2019, 12:17
ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރުމަށް ފަންނީ ލަފާދެއްވުމަށް ޕޮލިސް ސަރވިސް އޮފް ނޯދަރން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސަރ ހިއު ސްޓެފަން ރޮޑެން އޯރޑް ރާއްޖެ ވަޑައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.
އިނގިރޭސި ސަރުކާރުގެ އެހީގެ ދަށުން، ވަޑައިގަތް ތަޖުރިބާކާރު ޖުލައި 13 އިން 19 އަށް ރާއްޖޭގައި މަސައްކަތް ކުރައްވާނެ އެވެ.
ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސި ތަންފީޛީ އިދާރާތަކާއި ފުލުހުންނާއި އެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން، ދިވެހި ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ހަމަޖެހިފައިވެއެވެ.
މި ޒިޔާރަތުގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ސަރ ހިއު އޯރޑް ރިޕޯޓެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރިޕޯޓްގައި ފުލުހުންގެ މަސައްކަތް ހަރުދަނާކޮށް ކުރިއެރުވުމަށް ގެންނަން ފެންނަ ބަދަލުތައް ހިމެނޭނެ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން، ޤާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ކާމިޔާބު ކަމާއެކު ދަޢުވާ އުފުލުމާއި، އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލަން ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން، މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާނެއެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރުން ފެށިގެން އިނގިރޭސި އެކި ފުލުހުންގެ ޚިދުމަތްތަކުގައި މުހިއްމު މަޤާމުތަކެއް ފުރުއްވާފައިވާމި ސަރ ހިއު އޯރޑްގެ ދަތުރުފުޅުގައި، ރާއްޖޭގެ މުހިއްމު ވުޒާރާތަކުގެ ވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.