31 Oct 2011, 08:52
ލަންޑަން (އޮކްޓޯބަރ 31) : އިރުމަތީ ޔޫރަޕާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޤައުމުތަކުގައި ކޮންޓްރޯލްވެފައިވާ ކެއްސުންބަލި އަލުން އެޤައުމުތަކުން ފެންނަންފެށީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ހަރުކަށި ޝަރުތުތަކުގެ ސަބަބުންކަން ކަމާބެހޭ ދިރާސާއަކުން ހާމަވެއްޖެވެ.
އިނގިރޭސިވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީން ކުރި މިދިރާސާއިން ހާމަވާގޮތުގައި އިރުމަތީ ޔޫރަޕާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ޤައުމުތަކަކީ ކުރިން ކެއްސުންބަލި ކޮންޓްރޯލްކޮށްފައިވާ ޤައުމުތަކެކެވެ. ނަމަވެސް އެޤައުމުތަކުގައި ކެއްސުންބަލީގެ އައުޙާލަތްތައް މިފަހަކަށް އައިސް ފެންނަންފެށީ އައި.އެމް.އެފް އިން ލޯންހޯދުމަށްޓަކައި އެފަންޑުން ހުށަހެޅި އިޤްތިސާދީ ހަރުކަށި ޝަރުތުތަކަށް ބޯލެނބުމުގެ ގޮތުން ހޮސްޕިޓަލްތަކަށާއި ކްލިނިކް ތަކަށާއި ޕަބްލިކް ހެލްތް ސެކްޓަރަށް އެޤައުމުތަކުގެ ސަރުކާރު ބަޖެޓުން ކުރިން ކުރަމުންގެންދިޔަ ޚަރަދުތައް ކުޑަކޮށް ޚަރަދުކުޑަކުރުމުގެ ހަރުކަށި ސިޔާސަތުތަކެއް މުޅި ޤައުމުގައި ތަންފީޒުކުރަން ފެށުމުން ކަމުގައެވެ.
ކެމްބްރިޖްގެ ދިރާސާ ބުނާގޮތުން އައި.އެމް.އެފް ގެ ޝަރުތުތަކަށް ބޯލަނބައި އެޝަރުތުތައް ތަންފީޒުކުރި ޤައުމުތަކުގައި 1991 ން 2000 ވަނައަހަރާ ދެމެދުވަނީ ކެއްސުންބަލި އިތުރަށް ފެތުރި އެބަލީގައި މަރުވާ މީހުންގެ ނިސްބަތް އެނޫން ޤައުމުތަކަށްވުރެ 17 % މައްޗަށް ގޮސްފައެވެ. އައި.އެމް.އެފް ގެ އެޝަރުތުތައް ތަންފީޒުކުރި ޤައުމުތަކުގައި އެމުއްދަތުގައި އެއްމިލިޔަން މީހުންނަށް އަލަށް ކެއްސުންބަލި ޖެހިފައިވާއިރު އައި.އެމް.އެފްގެ ޝަރުތުތައް ތަންފީޒުނުކުރާ ޤައުމުތަކުގައި ކެއްސުންބަލިޖެހޭ މީހުންގެ ޢަދަދު 8% ދަށަށް ގޮސްފައިވާކަމަށް މިދިރާސާ ބުނެއެވެ.
ކެއްސުންބަލި ނުވަތަ ޓިއުބަރކްލޯސިސް އަކީ ފުއްޕާމެއަށް ޙަމަލާދޭ ނުރައްކާތެރި ބެކްޓީރިޔާއަކުން ޖެހޭ ބައްޔެކެވެ. މިބަލީގައި މިހާރުވެސް އަހަރަކު 1.6 މިލިޔަން މީހުން މަރުވާއިރު ބޭހަށް ނުގުޑާ ބެކްޓީރިޔާ ފެތުރިގެން ދިޔުމުގެ ސަބަބުން މިބަލީގެ ޙާލަތުވަނީ އިތުރަށް ނުރައްކާވެފައެވެ. (ރޮއިޓާސް)