މޫސުން ގޯސްވާނެތީ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ ހއ. އަތޮޅުން ފެނިގެން ޅ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

މެޓުން ބުނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 އާއި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ. ދެކުނު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އުތުރާ މެދު ތެރޭ ކަނޑުތައްވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓުން ބުންޏެވެ.