18 Jul 2019, 09:59
ބާލިން (ޖުލައި 18): ޖަރުމަނުގައި ވެކްސިން ނުޖަހާ ކުދިންގެ ބެލެނިވެރިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ހުށަހަޅާފައިވާ ބިލަށް އެގައުމުގެ ސަރުކާރުން ތާއިދުކޮށްފި އެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލްގެ ކެބިނެޓުން އިއްޔެ ތާއިދު ކުރި އެބިލުގައިވާ ގޮތުން ކުޑަކުދިން ސްކޫލަށާއި ނާސަރީއަށް ވެއްދުމުގެ ކުރިން އެކުދިންގެ ވެކްސިން ރެކޯޑު ދައްކަން ޖެހޭނެ އެވެ. އަދި ވެކްސިން ނުޖަހާ ނަމަ އެކުދިންގެ ބެލެނިވެރިން ގިނަވެގެން 2،800 ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވެކްސިން ޖަހަންދެން އެކުދިންނަށް ސްކޫލަށް ނުވަދެވޭނެ އެވެ.
އެބިލު ދެން ފޮނުވާނީ ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހަށެވެ. އަދި ވެރިކަން ކުރާ ކޯލިޝަނުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ބިލު ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.
ޖަރުމަނުން އެފިޔަވަޅު އަޅަން ނިންމީ މިދިޔަ އަހަރުގެ މާޗް މަހާއި މިއަހަރުގެ ފެބްރުއަރީ މަހާ ދެމެދު ޔޫރަޕުގައި އެންމެ ގިނަ އަދަދަކަށް ހިމަބިހި ޖެހުނު ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނުނު ފަހުންނެވެ. އެގޮތުން އެމުއްދަތުގައި ޖަރުމަނުން 651 މީހަކަށް ހިމަބިހި ޖެހުނު ކަމަށް ޔޫރަޕިއަން ސެންޓާ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ބުންޏެވެ. އަދި މިއަހަރު ތެރޭ، މިދިޔަ މަހާ ހަމަޔަށް ޖަރުމަނުން 429 މީހަކަށް ހިމަބިހި ޖެހުނު ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
ހިމަބިއްސަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން، ހަލުވިކަމާ އެކު ފެތުރޭ ބައްޔަކެވެ. އޭގެ ސަބަބުން ސިކުނޑިއަށް އިންފެކްޝަން ފެތުރި، ލޯ އަނދިރިވެ، ފުއްޕާމޭގެ އިންފެކްޝަނަށް މަގުފަހިވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސްދެ އެވެ.
ހިމިބިހިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ވެކްސިން ނުލިބުމުންނާއި ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ބުނާ ސައްހަ ނޫން މައުލޫމާތު ގަބޫލު ކުރުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ މަދުވެފަ އެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށް ޖަހާ ވެކްސިން އިން އޯޓިޒަމް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ބުނާ ދިރާސާއެއް ފުރަތަމަ ޕަބްލިޝް ކުރީ އިނގިރޭސި ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑް އިސްކޮށް ހުރި 12 މީހުންގެ ޓީމަކުންނެވެ. ލާންސެޓް ޖާނަލްގައި 1998 ވަނަ އަހަރު ޕަބްލިޝް ކުރި އެ ދިރާސާގެ ސަބަބުން ހިމަބިހި ވެކްސިން ޖަހާ މީހުންގެ އަދަދު އިންތިހާއަށް މަދުވި އެވެ.
ނަމަވެސް ސައިންސުވެރިން ފަހުން ހެދި އެފަދަ ގިނަ އަދަދެއްގެ ދިރާސާތަކުން ވެކްސިން އާއި އޯޓިޒަމްއާ ގުޅުން ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެ އެވެ. އަދި ވޭކްފީލްޑްގެ ދިރާސާ ތަހުގީގު ކުރި ނޫސްވެރިއަކު ވަނީ އެދިރާސާ ހެދުމުގައި އޭނާގެ މަސްލަހަތަށް ފުށޫ އަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން އެދިރާސާގައި ވޭކްފީލްޑްގެ ނިންމުމަށް ތާއިދު ކޮށް ވާހަކަދެއްކި 10 މީހަކު އެމީހުންގެ ބަސް އަނބުރާ ގެންދިޔަ އެވެ. އޭގެ ފަހުން ވޭކްފީލްޑްގެ މެޑިކަލް ލައިސެންސް ވަނީ އަތުލާފަ އެވެ.