30 Oct 2011, 17:42
މަގާމުގެ ނުފޫޒު ބޭނުން ކުރެއްވިކަން ޝަރީއަތަށް ސާބިތުވެ، ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބުދުލް ހަމީދު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންނަވާ މައްސަލާގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ޖެހޭ މައްސަލައަށް ހައްލެއް ނުހޯދައި މާދަމާގެ ޖަލްސާ ނުބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަމަޖައްސައިފި އެވެ.
މަޖިލީހުގެ އިދާރާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މާދަމާގެ ޖަލްސާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާކަން މެންބަރުންނަށް އަންގަމުން ގެންދާ ކަމަށާއި އެގޮތަށް ހަމަޖެއްސީ މިހާރު ކުރިމަތިވެފައިވާ މައްސަލާގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ ވެސް މަޝްވަރާގެ މަތިން ކަމަށެވެ.
މެންބަރު ހަމީދުގެ މައްސަލާގައި މަޖިލީހުގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުހޯދައި މާދަމާގެ ޖަލްސާ ބާއްވައިގެން ބިނާކުރަނިވި މަސައްކަތެއް ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ އިދާރާ އިން ފޮނުވާފައިވާ ސިޓީގައި އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި، މެންބަރުންނަށް ފޮނުވި ސިޓީއާ ހަވާލާދީ ބުނެފައި ވަނީ، މަޖިލީހުގެ ޖަލްސާ ނިންމާލަން ޖެހުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލާގައި މެންބަރުންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅުތަކަށް އަލިއަޅުވާލާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ކުރައްވަމުން ގެންދަވާ މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ކާށިދޫ ދާއިރާގެ މެންބަރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށް އެމައްސަލާގެ ހުރިހާ އަޑުއެހުމެއް މިހާރު ވަނީ ނިމިފަ އެވެ. އަދި ވަރަށް އަވަހަށް އެ މައްސަލާގައި ނިޔާ ކަނޑައާޅާނެ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.