14 Jun 2010, 09:57
14:30
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް މި މަހު ފަހުކޮޅު ބީލަން ހުޅުވާލާނެ ކަމަށް މާލޭ މުނިސިޕަލްޓީން ބުނެފި އެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ނިންމީ މާލޭގައި ދުއްވާ އެއްޗެހި މަދުކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ބަހުގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު ޕޮލިސީ ލެވެލްގައި މަޝްވަރާ ކުރުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތް ނިމި ވަރަށް އަވަހަށް ބީލަމަށް ހުށަހެޅޭނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ. އަދި މި ހިދުމަތް ފެށުމުން ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ މީނުންނަށް ވަރަށް ފަށޭހަވެގެންދާނެ ކަމަށާއި މި ހިދުމަތް އަދި ދިނުމަށް ހަމަޖައްސާފައިވަނީ އެހޭ ފުޅާ ދާއިރާއެއްގައި ނޫން ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ބަހުގެ ހިދުމަތް ދިނުމަށް ހުޅުވާލި ކަމުގައި ވީނަވެސް އެ ކަންތައްތައް ކުރިއަށްދާނީ މާލެ މުނިސިޕަލްޓީން ކަނޑައަޅާ މިންގަނޑެއްގެ މަތިން ކަމަށެވެ.
އާދަމް މަނިކު އިތުރަށް ވިދާޅުވީ ބީލަން ކާމިޔާބުކުރާ ފަރާތުން މުނިސިޕަލްޓީން ކަނޑައަޅާ މިންގަނޑުތަކަކަށް ފެތޭ ގޮތަކަށް އެ ހިދުމަތް ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށެވެ.
މާލެ އަށް މިނީ ބަހުގެ ހިދުމަތް ދިނުމާ މެދު ކަންބޮޑުވުން ފާޅުކޮށް މިހާތަނަށް އެންމެ ގިނަ ޝަކުވާ އައިސްފައި ވަނީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ. ނަމަވެސް ބަހުގެ ހިދުމަތް މާލޭގައި ފެށުމަކުން ޓެކްސީތަކަށް އެއްވެސް ކަހަލަ ޖޮންޖެހުމަކަށް ވެގެން ނުދާނެ ކަމަށް ވެސް އާދަމް މަނިކު ވިދާޅުވި އެވެ.