މާޒީގައި ކުންފުނި ހިންގަވަމުން ބޭނުން ކުރައްވަމުން ގެންދިޔަ ބޭނުންތަކަށް ދެން ފުރުސަތު ނުދީ ކޮރަޕްޝަނުގެ އަމަލުތައް ހިންގި ހުރިހާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިގެ ތަސައްވަރު ކިލަނބު ކުރަމަށް ކުރަމުން އަންނަ މަސައްކަތް ކުށްވެރިކޮށް އެ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަތޮޅު ތެރޭގެ ރަށްތަކަށް ކަރަންޓް ދިނުމަށް 2012 ވަނަ އަހަރު އުފެއްދި ފެނަކަ އިން 2018 އާއި ހަމައަށް ވެސް ކަރަންޓަށް ދާއިމީ ހައްލެއް ގެނެސްދީފައި ނުވާ ކަމަށެވެ.

އެގޮތުން 2012 ވަނަ އަހަރު އެ ކުންފުނި ހިންގި ފަރާތްތަކަށް ހުރިހާ ބާރެއް ލިބެމެ 'ސައްބުބޭގެ ހުނިގޮނޑި' ފަދައިން ކަންވެގެން ދިއުމަކީ ކަރަންޓުގެ ހިދުމަތައް އަލުން އަނބުރާ ރައްޔިތުންގެ އިތުބާރު ހޯދުމަށް ލިބުނު އިތުރު އުނދަގޫތަކެއް ކަމަށެވެ.

ވޭތުވެދިޔަ ހަ އަހަރުގެ މާޒީގައި ފެނަކަ އިން ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގައި ފެއިލް ވެފައިވާ ކަން ފާހަގަކޮށް އެ ކުންފުނިން ބުނީ، މީގެ ކުރިން ކުންފުނި ހިންގަވަން ތިބި ބޭފުޅުން ވަނީ ނާޖާއިޒު ފައިދާ ހޯދައި ބޮޑެތި ކޮރަޕްޝަނުގެ ޖަރީމާތަކެއް ހިންގާފައި ކަމަށެވެ.

"ކުންފުނީގެ މުދަލާއި ފައިސާއަށް ހިޔާނަތްވި ފަރާތްތަކާއި ކަރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ އެންމެހާ ފަރާތްތަކާ ބެހޭ ގޮތުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންނާއި އަދި އެކި ގޮތްގޮތުން ލިބިފައިވާ އެންމެހާ މައުލޫމާތު ކަމާބެހޭ ފަރާތާ ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމުންދާ ކަމުގެ ޔަގީންކަން ކަށަވަރުކޮށް އަރުވަން،" ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ފެނަކަ ހިންގި ފަރާތްތަކުން، އެ ކުންފުނީގެ ހާލަތާ ގުޅޭ ގޮތުން މިހާރު މީޑިއާގައި ހިއްސާ ކުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.