މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދާ ގުޅޭގޮތުން ބީއެމްއެލް އިން ދެއްކި ވާހަކަތަކާ ގުޅިގެން ޖަވާބު ދާރީ ވާނެ ފުރުސަތަކަށް އޭނާ އެދިވަޑައިގެންފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ނުހުއްޓުވީ އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް އާއި އެސިސްޓެންޓް ގަވަރުނަރު، ނީޒާ އިމާދުގެ ލަފަޔަށް ކަމަށެވެ.

އެފްއައިޔޫ ވަގުތީ ގޮތުން އޭރު ހިންގެވުމާ ހަވާލުވެ ހުންނެވި ނިޒާ، އިއްޔެ ވަނީ ބީއެމްއެލްގެ އެވާހަކަތައް ދޮގުކޮށްފައެވެ.

މިހާރު އެކޮނިމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ނީޒާ މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، ބީއެމްއެލްގެ އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފައިވާ ކަމަށެވެ.

އެ ޓްވީޓާއެކު، ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝީޒަށް ފޮނުއްވި ސިޓީ ނީޒާ ވަނީ އާންމު ކުރައްވާފައެވެ.

އެ ސިޓީގައި ވަނީ، އިއްޔެ ކޮމިޓީގައި ބީއެމްއެލް އިން އޭނާއާ ގުޅޭގޮތުން ދެއްކި ވާހަކައަކީ ކަމުގެ ހަގީގަތް އޮޅުވާލުމަށް އެ ބޭންކުން ދެއްކި ވާހަކައެއް ކަމަށެވެ.

"ވީމާ ކަމުގެ ހަގީގަތް ތިޔަ ކޮމިޓީއަށް ސާފުކޮށްދޭން ބޭނުންވާތީ، އެ ފުރަސަތު އަޅުގަނޑަށް ދެއްވުން އެދެން،" ނިޒާ ކޮމިޓީގެ މުގައްރިރަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އިއްޔެ ކޮމިޓީގައި ބީއެމްއެލް އިން ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، އެފްއައިޔޫއަށް ނޮވެމްބަރު، 27، 2014ގައި އެކަން ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހޯލްޑް ކުރީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް ނޮވެމްބަރު، 25، 2014ގައި ހިންގާފައި ވާތީ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ފަހުން ޗުއްޓީ އިން އެނބުރިވަޑައިގަތުމަށް ފަހު، ނީޒާގެ ލަފާ ތަކުރާރު ކުރެއްވި ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ނިޒާ އެތުހުމަތުތައް ދޮގުކޮށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފައިވާއިރު، މިއަދު އާތިފް ޝަކޫރުވެސް ވަނީ ކޮމިޓީގައި ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.