30 Oct 2011, 17:34
ތުރުކީ އަށް އައި ބިން ހެލުމެއްގައި އިމާރާތެއްގެ ދަށުވި ދެ ހަފުތާގެ ތުއްތު ކުއްޖަކު ތިން ދުވަސް ފަހުން ސަލާމަތްކޮށްފި އެވެ.
މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ތުރުކީ އަށް އައި ބިން ހެލުމުގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެފައި އޮތް އެ ތުއްތު ކުއްޖާ ސަލާމަތްކޮށްފައިވާ އިރު، އެ ކުއްޖާއާ އެކު ވަނީ އޭނާގެ މަންމަ އާއި މާމަ ވެސް ސަލާމަތްކޮށްފައިވާ ކަމަށް އަލްޖަޒީރާ އިން ބުންޏެވެ.
އެ ތިން މައިން ސަލާމަތް ވުމަށް މެދުވެރިވެފައި ވަނީ ސޯފާ އެނދެކެވެ. އެ މީހުން ތިބީ ސޯފާ އެނދުގެ ދަށުގަ އެވެ.
އަލްޖަޒީރާ އިން ބުނި ގޮތުގައި އެ ތިން މައިންގެ ޞިއްޙަތު ރަނގަޅު ކަމަށާއި އެ މީހުން ވަނީ ތުރުކީގެ ވެރިރަށް އަންކަރާގެ ހަސްފަތާލެއްގައި ފަރުވާ ދިނުމަށް ފަހު މިހާރު އެ މީހުންގެ އަމިއްލަ ސަހަރު ކަމަށްވާ "ސިވާ" އަށް ގޮސްފަ އެވެ.
ރެކްޓާ މިންގަނޑުން 7.2ގެ ބާރުމިނުގައި އައި ބިން ހެލުމުގައި އިމާތްތައް ދަށުވި، އެ ކުޑަ ކުއްޖާ އާއި އަނެއް ދެމައިން ސަލާމަތްވުމުން އިތުރު މީހުން ފެންނާނެ ކަމުގެ އުއްމީދު އާލާވެފައިވާ ކަމަށް އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރާ މީހުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެ އެވެ. އަދި އިމާރާތުގެ ދަށުން ސަލާމަތަށް އެދި މީހުން ގޮވާ އަޑު އިވޭ ކަމަށް ވެސް އަލްޖަޒީރާގެ ވެބްސައިޓް ބުނެ އެވެ.
އެ ބިންހެލުމުގައި މިހާތަނަށް 570 މީހުން މަރުވެފައިވާ އިރު އެތައް ބަޔަކު ޒަޚަމްވެ ހާލުގައިޖެހިފައިވާ ކަމަށް ވެސް އެ ވެބްސައިޓް ބުނެ އެވެ.