ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

އެ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު މިއަދު "ސަން" އަށް ވިދާޅުވީ ބީއެމްއެލް އިން އެ ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރީ މައުލޫމާތެއް ހޯދަން އެދުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޮމިޝަންގެ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ބޭންކުގައި އެދުމުން ހައިކޯޓުގެ ނިންމުމަކާ ގުޅިގެން އެ މައުލޫމާތު ދިނުމަށް ދަތިތަކަކާ ކުރިމަތިވާ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ސިވިލް ކޯޓަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރުފަހު އެ ކޯޓުގައި ތާވަލްކޮށްފައިވާ މައްސަލައެއްގެ ޑިސްޕިއުޓް މަރުހަލާއެވެ.