17 Jul 2019, 15:24
ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ، ވޯލްޑް ކަޕް ކޮލިފައިންގާއި އޭގެ އަނެއް އަހަރު ޗައިނާގައި އޮންނަ އޭޝިޔާ ކަޕުގައ ކޮލިފައިންގައި ރާއްޖެ ވާދަ ކުރަންޖެހޭނެ ޓީމުތައް ޔަގީން ވެއްޖެއެވެ.
މިއަދު މެލޭޝިޔާގައި ކުރިއަށްދިޔަ ގުރުނެގުމުގައި އޭޝިއާ ބައްރަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ވޯލްޑް ކަޕުގެ ކޮލިފައިންއާއި އޭޝިއަން ކަޕުގެ ގުރުއަތުލުން ވަނީ ނަގައިފައެވެ. އެގޮތުން ކޮލިފައިންގެ ދެވަނަ ބުރުގައި ވާދަކުރާ 40 ގައުމެއްގެ މެދުގައި އަށް ގުރޫޕަކަށް ބަހާލައިގެން ގުރު ނެގި އިރު ރާއްޖެއާ އެއް ގުރޫޕަކަށް ލައްވާލީ ޗައިނާ، ފިލިޕީންސް، ސީރިއާ އަދި ގުއާމްއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ މޮޅުވީ 7-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިިދޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑްކަޕުގެ ކޮލިފިކޭޝަނުގައި ވެސް ރާއްޖެ ކަޓުވާލައި ކޮލިފިކޭޝަނުގެ ތިންވަނަ ބުރަށް ދިޔަ ޗައިނާ މިފަހަރުވެސް އޮތީ އެއް ގުރޫޕެއްގައެވެ. އެފަހަރުގެ ކޮލިފިކޭޝަނުގައި ރާއްޖެއިން ޗައިނާއާ ވާދަކުރި ދެ މެޗުންވެސް ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. އެފަހަރު ރާއްޖެއަށް ހަމައެކަނި ކުރި ލިބުނީ ބޫޓާނާއި ވާދަ ކުރި ދެ މެޗުންނެވެ.
އަށް ގުރޫޕަކަށް ބަހާލައިގެން ކޮލިފިކޭޝަން ކުރިއަށް ގެންދާ އިރު ކޮންމެ ގްރޫޕަކުން ވޯލްޑްކަޕް ކޮލިފައިންގެ ތިންވަނަ ބުރުގެ ޖާގަ ލިބޭނީ އެއްވަނައަށް ދާ ޓީމަށެވެ. އަދި އަށް ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަކަށްވެސް ތިންވަނަ ބުރުން ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕަށްވެސް ކޮލިފައިވާނީ ވޯލްޑްކަޕު ކޮލިފިކޭޝަނަށް ބެލުމަށްފަހުއެވެ. ވޯލްޑްކަޕުގެ ކޮލިފިކޭޝަނުގެ ތިންވަނަ ބުރަށް ކޮލިފައިވާ ޓީމުތަކުގެ މެދުގައި އޭޝިއަން ކަޕު ކުޅެން ހަމަޖެހިފައި އޮތް އިރު އަންނަ ފަހަރުގެ ވޯލްޑްކަޕުގައި ވެސް އޭޝިއާއަށް ފަސް ޖާގަ ލިބޭނެއެވެ.