30 Oct 2011, 16:54
ދިމިޝްޤު (އޮކްޓޯބަރު 30) : ސޫރިޔާގައި ހިނގަމުން ދަނީ ދީނީ ގޮތުން ހަރުކަށި ފިކުރާއި އަރަބި ގައުމިއްޔަތުގެ އިލްމާނީ ފިކުރާ ދެމެދުގެ ހަނގުރާމައެއް ކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދް ސިފަކުރައްވައިފި އެވެ.
އަސަދްގެ ހުދުމުހުތާރު ނިޒާމާ ދެކޮޅަށް ސޫރިޔާގެ ރައްޔިތުން އުތުރި އަރަމުންދާތާ 7 މަސްފަހުން ހުޅަނގުގެ މީޑިޔާއަށް ދެއްވި ފުރަތަމަ ބަޔާނުގައި އަސަދް ވިދާޅުވީ ސޫރިޔާ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އިހުތިޖާޖް ކުރަމުން ގެންދަނީ އަފްޣާނިސްތާނުގެ ތާލިބާނުންފަދަ ދީނީގޮތުން ހަރުކަށި ހިޔާލުގެ މީހުން ކަމަށާއި އެމީހުންނަށް ކާމިޔާބު ލިބިއްޖެނަމަ އަފްޣާނިސްތާން ފަދަ ގައުމަކަށް ސޫރިޔާ ބަދަލުވެގެންދާނެ ކަމުގަ އެވެ.
ސޫރިޔާގެ ވެރިކަން ބަދަލުކުރުމަށްޓަކައި ހުޅަނގުން ބާރުގެ ބޭނުންކޮށްފިނަމަ "މުޅި ސަރަހައްދު އަނދައިގެންދާ ފަދަ ބިންހެލުމެއް" އައިސް އެބިންހެލުމުގައި ހުޅަނގުގެ މަސްލަހަތުވެސް އަނދައިގެންދާނެ ކަމަށް ވިދާޅުވެ ސޫރިޔާގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުވަނުމަށް އަސަދް އެމެރިކާއަށާއި ޔޫރަޕަށް އިންޒާރު ދެއްވި އެވެ.
އިނގިރޭސިވިލާތުގެ "ސަންޑޭ ޓައިމްސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އަސަދް ވިދާޅުވީ މެދުއިރުމަތީގައި ދެވަނަ ނުވަތަ ތިން ވަނަ އަފްޣާނިސްތާނެއް އުފައްދަން ބޭނުންނުވާނަމަ ހުޅަނގުން ސޫރިޔާއަށް ފިއްތުންތައް ކުރިމަތިކޮށްގެން ނުވާނެކަމުގަ އެވެ. ސޫރިޔާއަކީ މެދުއިރުމަތީގެ ހަމަޖެހުން ކަމަށާއި ސޫރިޔާ ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިއްޖެނަމަ އެހަމަނުޖެހުމުން ސަލާމަތްވާނެ އެއްވެސް ގައުމެއް އެސަރަހައްދުގައި ނޯންނާނެ ކަމަށް އަސަދް ވިދާޅުވި އެވެ.
ސޫރިޔާއަކީ މިސްރު، ލީބިޔާ، ތޫނިސް އަދި ޔަމަން ނޫން ކަމަށާއި ސޫރިޔާގެ ހާލަތު މިހުރިހާ ގައުމަކާ ތަފާތު ކަމަށް ވިދާޅުވެ އަސަދްގެ ހުދުމުހުތާރު ނިޒާމް ވައްޓާލައި ދިމުޤްރާތީ އިސްލާހީ ނިޒާމެއް އެގައުމުގައި ގާއިމްކުރުމަށް ގޮވާލައި މުޒާހަރާކުރާ ރައްޔިތުން އޭނާ ސިފަކުރެއްވީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ބައެއްގެ ގޮތުގަ އެވެ. އަދި އަސަދްގެ ހުދުމުހުތާރު ނިޒާމާއި އިސްލާހަށް މަސައްކަތްކުރާ ސޫރިޔާގެ ރައްޔިތުންނާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ދީނީ ގޮތުން ހަރުކަށި ފަރާތްތަކާއި އަރަބި ގައުމިއްޔަތުގެ އިލްމާނީ ފިކުރުގެ މީހުންނާ ދެމެދު ހިނގަމުންދާ ހަނގުރާމައެއް ކަމަށްވެސް ތަކުރާރުކޮށް އަސަދް ވިދާޅުވި އެވެ.
އަސަދް މިހެން ވިދާޅުވި ނަމަވެސް އޭނާގެ ނިޒާމާ ދެކޮޅަށް ތެދުވާ ސޫރިޔާގެ އިދިކޮޅު ލީޑަރުންގެ ތެރޭގައި ގިނައީ އިސްލާމީ ހިޔާލުގެ މީހުން ނޫން ކަމަށާއި އަރަބި ގައުމިއްޔަތުގައި ހިމެނޭ އިލްމާނީ ފިކުރަށް ނިސްބަތްވާ މީހުން ކަމަށް މުރާސިލުން ބުނެ އެވެ. ސޫރިޔާގެ އިހުވާންއަލްމުސްލިމޫން އާއި ސަލަފީންނަށް ވުރެ އަސަދްގެ ނިޒާމާ އިދިކޮޅު ހަރަކާތްތައް ލީޑް ކުރަނީ އިސްލާހަށް މަސައްކަތްކުރާ އިލްމާނީ ހިޔާލުގެ ފަރާތްތައް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
އަސަދް މިމޭރުމުން ވާހަކަ ދެއްކެވުމުގެ އެއް ބޭނުމަކީ އިސްލާމީ ހިޔާލުގެ މީހުންގެ ނަމުގައި ހުޅަނގަށް ބިރުދައްކަވައިގެން އޭނާގެ ވެރިކަމުގެ ނިޒާމް ދެމެހެއްޓެވުން ކަމަށާއި ނަމަވެސް ސޫރިޔާގައި ހިނގަމުންދާ ދާހިލީ މައްސަލައިގެ ތެރެއަށް ވަދެގެން ހުޅަނގަށް ކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް މުހައްލިލުން ވިދާޅުވެ އެވެ. ލީބިޔާގެ މައްސަލައިގެ ތެރެއަށް ވަންގޮތަށް ސޫރިޔާގެ މައްސަލައިގެ ތެރެއަށް ވަންނަން ހުޅަނގަށް ނުކެރޭނެ ކަމަށް ވެސް އެފަރާތްތަކުން ބުނެ އެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)