މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އާތިފު ޝަކޫރާ ގުޅޭ ގޮތުން ބީއެމްއެލް އިން ދެއްކި ވާހަކަތަކާ ގުޅިގެން ޖަވާބު ދާރީ ވާނެ ފުރުސަތަކަށް އޭނާ އެދިވަޑައިގެންފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ގައުމީ ބޭންކް، ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސާ ޔާމީން އާދަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ނުހުއްޓުވީ އެފްއައިޔޫގެ އޭރުގެ ވެރިޔާ އާތިފް އާއި އެސިސްޓެންޓް ގަވަރުނަރު، ނީޒާ އިމާދުގެ ލަފަޔަށް ކަމަށެވެ.

އެ ވާހަކަތާ ގުޅިގެން އާތިފް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝީޒަށް، ސިޓީއެއް ފޮނުއްވައި އެ ވާހަކަތަކާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އެ ސިޓީގައި އާތިފް އެދިވަޑައިގެންފައި ވަނީ އެފްއައިޔޫގެ ވެރިޔެއްގެ ގޮތުގައި ހުންނެވި ހަތް މަސް ދުވަހުގެ ތެރޭގައި އޭނާގެ މަސްއޫލިއްޔަތު އަދާކުރި ގޮތާ ބެހޭ ގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ބީއެމްއެލް އިން ކޮށްފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ.

އިއްޔެ ކޮމިޓީގައި ބީއެމްއެލް އިން ބުނެފައި ވަނީ، އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، އެފްއައިޔޫއަށް ނޮވެމްބަރު، 27، 2014ގައި އެކަން ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހޯލްޑް ކުރީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް ނޮވެމްބަރު، 25، 2014ގައި ހިންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫ ވެސް ފަހުން ޗުއްޓީ އިން އެނބުރިވަޑައިގަތުމަށް ފަހު، ނީޒާގެ ލަފާ ތަކުރާރު ކުރެއްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.