17 Jul 2019, 14:24
ކޮމިޓީތަކަށް ހާޒިރުކުރެވޭ ދައުލަތުގެ ވުޒާރާތަކައި ބައެއް މުއައްސަސާތަކުގެ ބޭފުޅުން މައުލޫމާތު ދެއްވުމުގައި އިތުރުފުޅު ހައްދަވާ ނަމަ ދައުވާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ދައުލަތުގެ އެންމެހާ ފަރާތްތަކަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވީ، ބައެއް މުއައްސަސާތަކުން ނުވަތަ ވުޒާރާތަކުން ވަޑައިގަންނަވާ ބޭފުޅުން ކޮމިޓީތަކުގައި އިތުރުފުޅު ހައްދަވާ ކަމަށާއި، ސާފު ބަހުން ވާހަކަ ނުދައްކަވާ ކަމުގެ ޝަކުވާ ބައެއް މުގައްރިރުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.
މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ކުށެއް ކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ދން އެފަދަ އަމަލެއް ހިންގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
"ދެން ބޭފުޅކު އެބާވަތުގެ ކަމެއް ކުރައްވާކަން ފާހަގަ ކުރެވިއްޖެނަމަ ތަހުގީގު ކުރެވޭނެ. އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުގައި ދެންނެވޭނެ،" ނަޝީދު ވިދާޅުވިއެވެ.