ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފި އެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 75 މެމްބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެއާއެކު ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ބިލުގައިވާ ކަންކަން:

ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ބެހޭ ބިލުގައިވާ ގޮތުން ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކަކީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.

އެ ބިލުގައިވާ ގޮތުން ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ. އޭގެ އިތުރުން ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯ ކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.

އެފަދަ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހާމަ ކުރެވޭނެ ގޮތްތަކެއްވެސް ވަނީ ބިލުގައި ލިޔެފަ އެވެ. އެގޮތުން ސިޓީ، ފެކްސް، މެސެޖް، ފޯންކޯލް، ފަދަ ޒަރީއާތަކުން މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކޮރަޕްޝަނުގެ މައްސަލަތައް އާންމުކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ގިނަ ހިމާޔަތްތަކެއް ލިބިދެވޭ ގޮތަށް ބިލު ފަރުމާކޮށްފައި ވާއިރު، މައުލޫމާތު ހާމަކޮށްގެން ވަޒީފާއިން ވަކި ކުރުމާއި ޒިންމާއިން އެކަހެރި ކުރުމާއި ގެއްލުންދިނުމާއި ބިރު ދެއްކުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރުމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ނަމާއި، އެޑްރެސް، އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހޭނެ ކަމަށާއި ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބޮތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.

ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވާއިރު، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ.