30 Oct 2011, 16:57
ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައިވާ 274 ގައިދީންގެ ތެރެއިން 11 ގައިދީއަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފި އެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު ނައީމް )މޮނާޒާ ނައީމް( މިއަދު ވިދާޅުވީ ޑީޕީއާރުއެސްގެ ބެލުމުގެ ދަށަށް ގެނައި 11 ގައިދީންނަކީ މަސްތުވާތަކެތި ބޭނުން ކުރުމުން ދިޔަ މީހުންނަށް ވާތީ އެ މީހުން ހައްޔަރުކޮށް، ފަރުވާދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސް ]ޑީޕީއާރްއެސ[ގެ ދެ ވަނަ ފުރުސަތުގެ އޮފީހުގެ ބެލުމުގެ ދަށުން އެ މީހުންނަށް ފަރުވާދެމުންދާ ކަމަށާއި ފަރުވާއަށް ފަހު އަނެއްކާ ވެސް ދެވަނަ ފުރުސަތު ދެވޭނެ ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.
"ރީޓައިންކޮށްފައި ]ހައްޔަރުކޮށްފައި[ އެމީހުން ތިބީ. އެ މީހުންނަކީ ޑްރަގްގެ މައްސަލަ ޖެހޭ މީހުން، އެހެންވީމަ ފަރުވާ ބޭނުންވާނެ. ފަރުވާދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ،" މޮނާޒާ ނައީމް ވިދާޅުވި އެވެ.
ދެވަނަ ފުރުސަތަށް ދޫކުރި ގައިދީންގެ ތެރެއިން، ބައެއް ގައިދީން ސަރުކާރާ އެކު ވެފައިވާ އިގްރާރާ ހިލާފުވެގެން ޑީޕީއާރްއެސްގެ ބެލުމުގެ ދަށް ގެނެސް ނަސޭހަތް ތެރިވަމުންދެ އެވެ. ދެ ވަނަ ފުރުސަތުގެ ދަށުން ދޫކުރާ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ވުމުން، އެ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް ނައީމް ވިދާޅުވި އެވެ. އަދި ތިން އަހަރު ވަންދެން ޓްރޭނިން ޕްރޮގްރާތްކުގައި ދެވަނަ ފުރުސަތުގެ ގައިދީން ބައިވެރި ކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ދެވަނަ ފުރުސަތަށް ދޫކުރި ބައެއް ގައިދީންގެ ތެރެއިން 11 މީހަކު ވަނީ އެމްއެންޑީއެފްގެ އިންޖިނިއަރިން ކޯގައި ހަރަކާތްތެރިވަމުންނެވެ. އަދި ވަޒީފާގައި 50 އަށް ވުރެ ގިނަ ފަރާތްތަކުން ހަރަކާތެރިވަމުންދާ ކަމަށާއި ބައެއް މީހުން އިންޓަވިއުތަކަށް އެޓެންޑް ކުރަމުންދާ ކަމަށް ދެވަނަ ފުރުސަތުގެ އޮފީހުން ބުންޏެވެ.