ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

އެ އިސްލާހަށް މިއަދުގެ މަޖިލީހުގައި ވޯޓަށް އެހި އިރު، އެ ބިލު ފާސްވީ 73 މެންބަރުންގެ ވޯޓުން އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ބިލު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އެ ބިލުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުރިން އޮތް ގޮތަށް، އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށެވެ.

އެ ބިލު މަޖިލީހުން ބަލައިގަނެ، އިސްލާހު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ. އެ ކޮމިޓީއިން ވަނީ އެއްވެސް ބަދަލެއް ނުގެނެސް މިދިޔަ ހޯމަ ދުވަހު އެ ބިލު ފާސްކޮށްފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދު ކުރީ 2014 ވަނަ އަހަރުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު އެވެ.