17 Jul 2019, 13:16
ނިއުދިއްލީ (ޖުލައި 17) : ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އިންޑިއާއަށް މަނާކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޕާކިސްތާނުން ނިންމި ނިންމުމަށް އިންޑިއާ މަރްހަބާ ކިޔައިފިއެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަންއާބެހޭ ވުޒާރާއިންބުނީ ފާކިސްތާނުގެ ނިންމުމަށް މަރްހަބާ ކިޔާކަމަށާ އެއީ ރަނގަނޅު ފިޔަވަޅެއް ކަމުގައެވެ. ޕާކިސްތާނުގެ ނިންމުމުގެ ސަބަބުން އިންޑީޔާގެ ވައިގެ ދަތުރުތަކުގައި ހޭދަކުރަންޖެހޭ ވަގުތުކުޑަވެ ޚަރަދު ކުޑަވުމާއެކު މާލީގޮތުން ބޮޑު ލުއެއް ލިބިގެންދާނެކަމުގައެވެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރީ މިދިޔަ ފެބްރުއަރީމަހު ކަޝްމީރުގެ ވައިގެ ސަރަހައްދުގައި އިންޑިއާއާއި ޕާކިސްތާނުގެ ވައިގެ ސިފައިންގެ މެދުގައި ހިނގި ކުރިމަތިލުންތަކާ ގުޅިގެންނެވެ. އެ ކުރިމަތިލުންތަކުގައި ޕާކިސްތާނުންވަނީ އިންޑިއާގެ ދެ ފައިޓާޖެޓް ވައްޓާލައި އޭގެތެރެއިން އެއް ޖެޓްގެ ޕައިލެޓް ހައްޔަރުކޮށްފައެވެ. ނަމަވެސް މަސްރަހު ފިނިކުރުމަށްޓަކައި ޕާކިސްތާނުންވަނީ ދެތިން ދުވަހުގެ ތެރޭގައި އިންޑިއާގެ ޕައިލެޓް މިނިވަންކޮށްފައެވެ. އެ ހާދިސާއަށްފަހު ކަޝްމީރާ ކައިރީގައިވާ ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ބޭނުންކުރުން މަނާކުރުމަށްފަހު މީގެ ދެމަސްކުރިން ޕާކިސްތާނުން ވަނީ އިންޑިއާ ފިޔަވައި އެހެން ގައުމުތަކަށް އެސަރަހައްދު އަލުން ހުޅުވާލާފައެވެ.
އެއަށްފަހު ސަލާމަތީ ކަންކަމަށް އިތުރަށް ބެލުމަށްފަހު މި ހަފްތާގައި ޕާކިސްތާނުންވަނީ މަނާކުރި ވައިގެ ސަރަހައްދު އަލުން ބޭނުންކުރުމުގެ ހުއްދަ އިންޑިއާ އަށް ދީފައެވެ. އަދި މިއީ ކަޝްމީރު ގެ އެ ޙާދިސާއަށްފަހު ޕާކިސްތާނުގެ ވައިގެ މުޅި ސަރަހައްދު އާންމުކޮށް ހުޅުވާލި ފުރަތަމަ ފަހަރެވެ. ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައި އޮތް އޮތުމުގެ ސަބަބުން، ގިނަ އެއާއިލައިންތަކަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މާލީގޮތުން ބޮޑު ގެއްލުންތަކެއްވެސް ލިބިފައެވެ. އެއީ ޕާކިސްތާން ވައިގެ ސަރަހައްދުން ނެއްޓުމަށްޓަކައި ދަތުރުކުރާ ރޫޓުތައް ބަދަލުކުރަންޖެހުމާއެކު ދަތުރު ދިގުވުމާއި، އެކަމުގެ ސަބަބުން ހިނގާ ހަރަދުތައް ބޮޑުވުމުން ކުރިމަތިވި ގެއްލުންތަކެކެވެ.
ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހުނު ގައުމަކީ އިންޑިއާއެވެ. އިންޑިޔާގެ ގިނަ އެއާލައިންތަކަކީ މިހާރުވެސް ބަނގުރޫޓުވެ، އިނދަޖެހުމުގެ މަގުމަތީގައިވާ އެއާލައިންތަކެއްކަމުން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން އިންޑިޔާގެ އެއާލައިންތަކަށް ސަތޭކަ ވަރަކަށް މިލިޔަން ޑޮލަރުގެ މާލީ ގެއްލުން ފާއިތުވި ފަސް ވަރަކަށް މަސްތެރޭގައި ލިބިގެންދާނެކަމަށް ރިޕޯޓްތަކުގައިވަނީ ލަފާކޮށްފައެވެ. (ނޫސް އެޖެންސީތައް)