ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ފުރަތަމަ އާއްމު ބައްދަލުން މިއަންނަ ބުދަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ގޮތަށް އެ ޕާޓީން ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަހުމަދު މަހުލޫފު ވިދާޅުވީ ބައްދަލުވުން ވަރަށް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެ ރޭގެ ބައްދަލުވުމުގައި ސިޔާސީ އިސް ބޭފުޅުން ޕީޕީއެމަށް ސޮއިކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް އެބައްދަލުވުމުގައި ސޮއިކުރައްވަނީ ސިޔާސީ ކޮންކޮން ބޭފުޅުންނެއް ކަމެއް މަހުލޫފު ވިދާޅެއްނުވެ އެވެ.
"އަޅުގަނޑުމެން ވަރަށް ކުލަގަދަ ގަދަކޮށް މިޖަލްސާ މި ބާއްވަނީ ތަފާތުކަންކަން ހިނގައިގެން ދާނެ. އާބަޔަކު ޕާޓީ އަށް ސޮއިކުރުން ވެސް ހިމެނޭނެ އަދި ސިޔާސީ އިސް ފަރާތްތަކުން ސޮއިކުރާނެ، 2 ނޮވެމްބަރުވާ ބުދަ ދަވަހު 20:45ގައި މިބައްދަލުވުން މިފެށެނީ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ވަރަށް ބޮޑުއެދުމެއް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ޕީޕީއެމްގެ މިބައްދަލުވުން ބާއްވާނެ ތާރީހަކަށް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައިކަމަށާއި މޫސުމް ގޯސްނުވާ ނަމަ ބައްދަލުވުން ކަނޑައެޅިފައިވާ ތާރީހުގައި ބާއްވާނެ ކަމަށެވެ.

އަދި ވިދާޅުވީ ޕީޕީއެމްގެ ޖަލްސާ ބޭއްވުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް އިތުރު ފޯމްތަކެއް ހުށައެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޕީޕީއެމް، އިލެކުޝަންސް ކޮމިޝަނުގެ ދަފުތަރުގައި 3200 މީހުންނާ އެކު ރަޖިސްޓުރީކޮށް ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.