17 Jul 2019, 09:51
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމާ ގުޅިގެން، އެ މައްސަލައިގައި ހައްލެއް ހޯދުމަށް ސެޓްލްމަންޓު ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ސެޓްލްމަންޓް ކޮމިޓީ އަކީ ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސް އަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. އެ ކޮމިޓީގެ ޗެއާ ބަލަހައްޓަވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.
އެ މައްސަލައިގައި ހައްލު ހޯދުމަށް އެދި ދީބާޖާ ކުންފުނިން ޑިރެކްޓަރުންގެ ބޯޑުން ވަނީ ގަރާރެއް ފާސްކޮށް އޭޖީ އޮފީހަށް ހުށަހަޅައިފަ އެވެ.
އަދި ކޮމިޓީއަށް ހުށަހަޅައިގެން މައްސަލައަށް ހައްލެއް ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން ސުޕްރީމު ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލަން ވެސް މިހާރު ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.
އެހެންކަމުން ދީބާޖާ ކުންފުނިން އެދިފައިވާ ގޮތަށް މައްސަލަ ސެޓްލްމަންޓް ކޮމިޓީ އަށް މިހާރު އެޖެންޑާ ކޮށްފައިވާ ކަމަށާއި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ކުރިއަށްދާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.
ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.
ބޮޑެތި އަދަދުން ކުންފުނިތަކަށް ބަދަލު ދިނުމަށް ކޯޓުތަކުން އަންނަނީ ހުކުމް ކުރަމުންނެވެ. އަދި މިހާރުވެސް ބައެއް މައްސަލަތައް ކޯޓުގައި ދަނީ ހިނގަމުންނެވެ. އަދި ކޯޓުން ބޭރުގައި މައްސަލަތަކަށް ހައްލު ހޯދުމަށް ކުންފުނިތަކާ އެކު ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.