މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިންލް ކޯޓުން މިއަދު ބުނީ މިއަދުގެ ޝަރީއަތް ކެންސަލް ކުރަން ޖެހުނީ ޝަހުމް އަށް ގާނޫނީ ވަކީލަކު އައްޔަން ކުރެވިފައި ނުވާތީ ކަމަށެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ޝަހުމް ދައުވާ އަށް އިންކާރުކޮށް، ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދުމުން ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ ވަކީލަކު އައްޔަން ކުރުމަށް ޝަހުމް އަށް 10 ދުވަހުގެ ފުރުސަތު ދީފަ އެވެ.

ނަމަވެސް ކޯޓުން މިއަދު ބުނީ ޝަހުމަށް ގާނޫނީ ވަކީލަކު އައްޔަން ކުރެވިފައިނުވަނީ އޭނާ އަށް ފޯނު ކުރުމުގެ ފުރުސަތު ފުލުހުން ނުދިނުމުން ކަމަށެވެ.

އެކަމަކު ފުލުހުން އެކަން ދޮގުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޝަހަމް ގާނޫނީ ވަކީލަކު ހޯދަން ފޯން ކުރަން ޖެހޭ ނަމަ އޭނާ އަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އިތުރު ތަފުސީލެއް މީޑިއާ އޮފިޝަލް ނުދެއްވަ އެވެ.

ޝަހުމުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 30 ވަނަ ދުވަހު ހަވީރު، ޝަހުމް އިތުރުބަޔަކާ އެކު، މާޒިޔާ ދަނޑުގައި ކުޅެން ތިބި ބައެއްގެ ކައިރިއަށް ގޮސްހަމަނުޖެހުން އުފައްދައި މާރާމާރީ ހިންގާފައިވާ ކަމަށް ބުނެ އެވެ. އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މ. ބިއުޓީފްލާވާ މުހައްމަދު ހުސައިން،17، ވަނީ މަރުވެފަ އެވެ. އަދި އެ މާރާމާރީގައި ލ. ގަން ތުނޑީ ސްނޯރޯޒް މާދިހު މުހައްމަދާއި ކ. ދިއްފުށީ މޫންލައިޓް އަލީ ރިފާއު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

މީގެއިތުރުން ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު (ބަކްސީ)ގެ މަރުގެ މައްސަލައިގައި ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ ވެސް ދައުލަތުން ވަނީ ޝަހުމްގެ މައްޗަށް އުފުލައިފަ އެވެ.

އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި ޝަހުމްގެ މައްޗަށް ކޮށްފައިވާ ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާގެ ޝަރީއަތް މިދިޔަ ބުދަ ދުވަހު ބޭއްވުމަށް ތާވަލް ކުރިނަމަވެސް އެ ދުވަހު ވެސް ވަނީ ވަކީލަކު އައްޔަންކުރެވިފައިނުވާތީ އެ ދުވަހުގެ ޝަރީއަތް ވެސް ކެންސަލްކޮށްފަ އެވެ.