16 Jul 2019, 22:40
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސިޓީފުޅެއް ކޮމޮރޮސްގެ ރައީސް އަޒާލީ އައްސައުމާނީއާ އަށް އަރުވައިފިއެވެ. މި ސިޓީފުޅު ހަވާލުކޮށްދެއްވީ މިހާރު އެ ގައުމަށް ވަޑައިންގެން އުޅުއްވާ ރާއްޖެގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.
މިނިސްޓަރު ޝާހިދާއި މަހުލޫފް މިއަދު ވަނީ ކޮމޮރޮސްގެ ރައީސް އާއި ބައްދަލުވެސް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ކޮމޮރޮސް އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރު ޝާހިދާއި މިނިސްޓަރު މަހުލޫފް ވަނީ ކޮމޮރޮސް ގެ ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން މުޙައްމަދް އެލް-އަލްމިން ސޫއެފް އަދި ކޮމޮރޮސް ގެ މިނިސްޓަރ އޮފް ޔޫތް، އެމްޕްލޯއިމެންޓް، އޮކިޔުޕޭޝަނަލް އިންޓެގްރޭޝަން، ކަލްޗާރ އެންޑް ސްޕޯޓްސް، ލަޑެންޓި ހޫމަޑީއާ ވެސް ބައްދަލު ކުރައްވައިފައެވެ.
ފޮރިން މިނިސްޓަރާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކޮމޮރޮސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް، ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި ކުރައްވާ ދަތުރުފުޅެކެވެ.