ކަށިމާހިގުމުން ދުއްވައިފައި ދިޔަ ފޮލިސް ޖިޕަކާއި ލޮނުޒިޔާރަތް މަގުން ދުއްވައިފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.

މަންޒަރުދުށް މީހަކު ބުނީ އެކްސިޑެންޓްގައި ލޮނުޒިޔާރަތްމަގުން ދުއްވާފައި ދިޔަ ސައިކަލް ދިޔައީ ފުދޭވަރަކަށް ބާރު ސްޕީޑެއްގައި ކަމަށެވެ. އަދި ޕޮލިސް ޖިޕް ފެނުމުން ސައިކަލު ދުއްވަން އިން ޒުވާނާ ސައިކަލުގެ ބްރޭކް ޖެއްސި ކަމަށާއި އެހެންނަމަވެސް މަގުމަތީގައި ފެން ހެދިފައި ހުރުމުގެ ސަބަބުން ސައިކަލު ކަހާލައިގެން ގޮސް ޕޮލިސް ޖިޕްގައި ޖެހުނީ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިން ޒުވާނާގެ އަތުގައި ލައިސެންސެއް ނެތެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް ސައިކަލްގައި ތިބި ދެ ޒުވާނުންގެ ގައިގެ ތަންތަން ކޮންމެވެސް ވަރަކަށް މަށައިގެން ގޮސްފައިވެ އެވެ. އަދި ސައިކަލަށް ވެސް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

ޕޮލިސް މީޑިއާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ އެކްސިޑެންޓް ހިގަން މެދުވެރިވެފައި ވަނީ ވާރޭ ވެހިފައި އޮތުމުން ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކްސިޑެންޓްގައި މާބޮޑު މައްސަލަތަކެއް ނޫޅޭ ކަމަށެވެ.