16 Jul 2019, 21:26
ތިލަފުށީގައި ހާމައަށް ކުނި އެންދުމުގެ މައްސަލަ ވަރަށް އަވަހަށް ހައްލުކުރައްވާނެ ކަަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ވައިގެ ތަޣައްޔަރުވުން ކުޑަކުރުމަށް ހޮޓެލް ޖެންގައި މިއަދު އިފްތިތާހުކުރި "ބްރީތު ލައިފް" ކެމްޕޭން އިފްތިތާޙްކުރުގެ ރަސްމިއްޔާތުގައި ޑރ. ހުސެއިން ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ވައި ތަޣައްޔަރުވުމުގެ މައްސަލަ ދިމާ ނުވާ ކަމަށެވެ.
ޑރ. ހުސެއިން ވިދާޅުވީ މާލެއަށް ވައި ތަޣައްޔަރުވުމުގެ މައްސަލަ ދިމާވަނީ ތިލަފުށީގައި ހާމައަށް ކުނި އަންދާތީކަމަށެވެ. އަދި ފާއިތުވި 30 އަހަރު ވެސް ކަންތައްތައް ކޮށްފައި ވަނީ އެގޮތަށް ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި އެއްވެސް ސަރުކާރަކުން އެ މައްސަލަ ހައްލު ކުރުމަށް އެކަށޭނަ މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު މިދެނީ އެ އުފާވެރި ހަބަރު، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އެ މައްސަލަ ހައްލުކޮށްދޭނަން. އަޅުގަނޑަށް އޭގެ ޕްލޭންތައް ލިބުނީމަ އެކަން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މުޅި ދުނިގޭގައި ވެސް އެންމެ ސާފު ވައިލިބޭ ގައުމުކަމުގައި ރާއްޖެ ހެދުން ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށް މިދިޔަ ސަރުކާރުން ވެސް ވަރަށް ބޮޑަށް މަަސައްކަތް ކުރި އެވެ. އެގޮތުން ތިލަފުށީގައި ކުނި އެންދުން ހުއްޓާލަން އިންސިނޭޓަރުތަކެއް ވެސް މިދިޔަ އަހަރު ގެނަ އެވެ. އެންވަޔަރަމަންޓްގެ މިނިސްޓަރުކަމުގައި އޭރު ހުންނެވި ތޯރިގު އިބްރާހިމް ކުރިން ވިދާޅުވީ މިދިޔަ އަހަރު ތިލަފުށީގައި ކުނި އެންދުން ހުއްޓާލެވޭވަރުވާނެ ކަމަށެވެ. ނަަމަވެސް އެކަމަށް އަމަލީ ސިފައެއް އަދި ވެސް ވަނީ ނައި ހެވެ.