ތިމާވެށި ހިމާޔަތް ކުރުމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ހުށައަޅުއްވާފައިވާ ކާބަން ޓެކްސް ނެގުމުގެ ސިޔާސަތަށް ތާއީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނައިން އެމްއެސްއެން ވެބްސައިޓްގައިވާ ގޮތުގައި ކާބަން ޓެކްސް ނެގުމަށް ތާއީދުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވީ ކޮމަންވެލްތު ގައުމުތަކުގެ ވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު މިއަދު އޮސްޓްރޭލިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

"ތަރައްގީ ވެފައިވާ އެހެން ގައުމުތަކުން ވެސް އަޅާތަން ފެންނަން އަހަރެމެން ބޭނުންވާ ކަހަލަ ފިޔަވަޅުތަކަކީ މިއީ،" ކާބަން ޓެކްސް ތައާރަފް ކުރުމަށް އޮސްޓްރޭލިއާ އިން ގެންގުޅޭ ވިސްނުމަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ސަލާމަތް ކުރުމަށް ކޮމަންވެލްތުގެ ތެރެއިން މާ ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.

ކާބަން ޓެކްސް ތައާރަފު ކުރައްވައިފި ނަމަ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑްގެ މަގުބޫލުކަން ކުޑަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ އެކަމުގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމުގެ ހަރަދު ބޮޑުވެގެންދާނެތީ އެވެ.