އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ އެކައުންޓާ ދެމެދު ހިނގި ފައިސާގެ ހުރިހާ މުއާމަލާތްތަކެއް ހިނގާފައި ވަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށާއި އެ ހިޔާނާތާ ގުޅިގެން ކުރާ ތުހުމަތުތަކުން ބީއެމްއެލްގެ ވިޔަފާރިއަށް އަސަރުކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބޮޑު ހިޔާނާތުގެ ތަހުގީގަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ ވެރިން ހާޒިރުކޮށް ސުވާލުކުރުމުން އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ ހިޔާނާތް ފެށުނު ހިސާބުން 2014 ގައި އެ މުއާމަލާތްތަކުގެ މައުލޫމާތު ސީދާ އެމްއެމްއޭގެ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އާ ހިއްސާކުރި އެވެ. އެހެން ނަމަވެސް، އެ މުއާމަލާތްތައް ހުއްޓުވުމަށް އެފްއައިޔޫއިން އޭރު ފިޔަވަޅު ނޭޅި ކަމަށް ޝަރީފް ވެސް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މަނީލޯންޑްރިންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން މުއައްސަސާތަކަށް ފޮނުވަން ޖެހެނީ އެފްއައިޔޫ އެވެ. އަދި ބޭންކުން ޒިންމާ އަދާކުރުމުން އެފްއައިޔޫއިން ފިޔަވަޅު އެޅި ނަމަ ހިޔާނާތް ހުއްޓުވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"އޮކްޓޫބަރު 2014 އިން ފެށިގެން ނިސްބަތުން ބޮޑެތި ޢަދަދުތަކުގެ މުޢާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވިގެން، ބޭންކުންވަނީ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތައް ވަރަށް ގާތުން މޮނިޓާ ކޮށްފައި މިގޮތުން މި އެކައުންޓުތައް ވާނީ ގަވާއިދުން ކޮންމެ ދުވަހަކު، އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ ޢުސޫލާ އެއްގޮތަށް މޮނިޓަރ ކުރެވިފައިި،" ޝަރީފް ވިދާޅުވި އެވެ. "... ފައިލްކުރި އެސްޓީއާރު އާ މެދު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އެކަށީގެންވާ ފިޔަވަޅު އެޅި ނަމަ އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ހިންގަމުންދިޔަ މުޢާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެކަމަށް މި ބޭންކުން ދެކެން،"

އެސްއޯއެފްއާ ގުޅޭ އެސްޓީއާރެއް ބީއެމްއެލްއިން އެފްއައިޔޫއަށް ފޮނުވީ އާދަޔާ ހިލާފަށް ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް އެސްއޯއެފްއިން ކުރާ ކަމަށް ތުހުމަތުވެގެން ފައިސާ ހޯދި ގޮތާ މެދު އެ ކުންފުންޏާ ބީއެމްއެލްއިން ސުވާލު ކުރުމުން އެކަމަށް އިންކާރުކޮށްފައި ވާތީ އެވެ.

ޝަރީފް ވިދާޅުވީ، ބީއެމްއެލްއިން އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުން ގެންދިޔައީ ޗެކް އެންޑޯސްކުރުމަށް ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. ޝަރީފް ވިދާޅުވީ ގާނޫނުގެ ދަށުން، ޗެކް ކުރޮސްކުރުމާ ބެހޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު، ޗެކް އެއްފަރާތުން އަނެއްފަރާތަށް އެންޑޯސް ނުކުރެވޭނީ، "ނަން ނެގޯޝިއޭބުލް" ޗެކްގައި ޖަހާފައިވާ ޗެކްތައް ކަމަށެވެ. އެހެން ނަމަވެސް، އެސްއޯއެފްގެ އެކައުންޓަށް އެންޑޯސްކޮށްގެން ޖަމާކުރި ޗެކްތަކަކީ އެ ބާވަތުގެ ޗެކްތަކެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީއިން ބޭންކަށް ހުށަހަޅާފައި އޮތް ބޯޑް ރިޒޮލިއުޝަނެއްގައި ޗެކް އެންޑޯސް ކުރެވޭނީ ދެ މީހަކު ސޮއިކޮށްގެން ކަމަށް ބުނެފައިވީ ނަމަވެސް، އެއަށް އަމަލުނުކޮށް ޗެކްތައް އެސްއޯއެފް އެކައުންޓަށް ޖަމާކޮށްދިނީ ކީއްވެގެންތޯ ވެސް މެންބަރުން ސުވާލު ކުރެއްވި އެވެ.

އެ ސުވާލާ ގުޅިގެން ޝަރީފް ވިދާޅުވީ، އެންޑޯސް ކުރާ ޗެކްތައް ޖަމާކުރުމުގައި ބޯޑް ރިޒޮލިއުޝަނަށް ބެލުމަކީ އެއްވެސް އިރެއްގައި އެއްވެސް ކަސްޓަމަރަކާ މެދު އަމަލު ކުރާ އުސޫލެއް ނޫން ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ނަމުގައި ލިބިފައިވާ ޗެކެއް، އެސްއޯއެފްގެ އެކައުންޓަށް އެންޑޯސްކުރާއިރު، ބޯޑްގެ ރިޒޮލިޝަންއެއް ވެސް ބޭންކަށް ބޭނުމެއް ނުވާނެ އެވެ.

"ބޭންކުގެ ޗީފް އިންޓާނަލް އޮޑިޓަރު، އެމްއެމްޕީއާރުސީ މައްސަލަ އާ ގުޅިގެން ބޭންކުގެ ހާއްސަ އޮޑިޓެއް ހިންގުމަށްފަހު ޔަގީންކަން ދީފައިވަނީ ބޭންކުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާ އެއްވެސް ބާއްވަތެއްގެ އަމަލެއް ބޭންކުގެ މުވައްޒަފުންނާ ގުޅިގެން ހިންގާފައި ނުވާކަމަށް،" ޝަރީފް ވިދާޅުވި އެވެ. "މީގެއިން އެއްވެސް ގޮތަކުން ބޭންކުގެ މައްސަލައެއް ނުފެންނަ އިރު މުވައްޒަފުންނާ މެދުވެސް މިފަހުން ތުހުމަތުތަކެއް ކުރެވިފައިވާ އިރު މިކުރެވޭ ތުހުމަތުތައް އަވަހަށް ތަހުގީގު ކުރެވި އެ ކަންކަމުގެ ހަގީގަތް އެނގުން ބޭންކުގެ އިތުބާރަށް ޓަކައި ވަރަށް މުހިންމު. ބޭންކުން ޔަގީން ކުރަނީ މިކަމުގައި ބޭންކުގެ ޒިންމާ އަދާކުރިކަން. މުވައްޒަފެއްގެ އެއްވެސް ބައިވެރިވުމެއް އަދި ބޭންކުގެ އިހުމާލެއް ވެސް ނެތްކަން،"