16 Jul 2019, 17:58
ބާ ކައުންސިލަށް އިންތިހާބުވި މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބާ ކައުންސިލަށް އިންތިހާބުވި މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ބާ ކައުންސިލް އުފެދިގެން ދިއުމަކީ ގާނޫނީ އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް ތަރައްގީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
"މިއީ ގާނޫނީ އަދި ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ބާ ކައުންސިލުގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ބޭނުންވާ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް މައުމޫން ހަމީދާއި ނައިބު ރައީސް ޢަބްދުﷲ މުޢިއްޒާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ބާ ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ބާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރުންނަކީ އަހުމަދު މުއިއްޒާއި އަނާރާ ނައީމާއި އާއިޝާ ސުޖޫން މުހއްމަދާއި އަނަސް ޢަބުދުއްސައްތާރާއި މުޙައްމަދު ފައިށާލާއި މުޙައްމަދު އަސީލް ޙަސަން އެވެ.
މި ބައްދަލުވުމުގައި ބާ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލުކޮށްލެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.