ހުޅުމާލޭގައި އާ ސްކޫލެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އާ ސްކޫލެއް ހުޅުމާލޭގައި އަޅަން ނިންމިއިރު އާ ސްކޫލްއެއް ޑިޒައިންކޮށް ކުރެހުމާއި ބީއޯކިއު އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާވެސްލައިފައެވެ.

ހުޅުމާލޭގައި މިހާރު ތިން ސްކޫލު ހުރެއެވެ. އެެއީ ޣާޒީ ސްކޫލް ރެހެންދި ސްކޫލް އަދި މި އަހަރު އަލަށް ހުޅުވި ހުރަވީ ސްކޫލް އެވެ.

އާ ސްކޫލާ ބެހޭގޮތުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސްކޫލު ޑިޒައިންކުރަނީ ވަށާޖެހޭ ތައުލީމީ ސިޔާސަތާއެއްގޮތަށް ދަރިވަރުންނަށް އެފަދަ ތައުލީމެއް ދެވޭފަދަ ގޮތަކަށް ކަމަށެވެ.

" އާ ސްކޫލުގައި ހުންނާނެ ކުޅޭނެ ތަންތަނާ. ނާސްތާ ޕްރޮގްރާމަަށް ބަދިގެތަކާ އަދި ނަމާދުގެ ފަދަ ތަންތަންވެސް." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އާ ސްކޫލު އަޅަނީ 1000 ދަރިވަރުންނަށް އަމާޒުކޮށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ މާލޭ ސަރަހައްދުތަކުގެ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް އާ 10 ސްކޫލު ބޭނުންވާ ކަމަށެވެ.