ނ. އަތޮޅުގެ ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ އަތޮޅު އަތޮޅު ކައުންސިލްގެ ތިން މެމްބަރުން މިއަދު ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާއާ ބައްދަލުކުރައްވައިފި އެވެ.

އަތޮޅު ކައުންސިލް މެމްބަރު އަލީ ޝަރީފް މިއަދު ވިދާޅުވީ މިއަދުގެ ބައްދަލަވުމުގައި ވާހަކަ ދެއްކީ ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ސިޓީ ހޮޓާ ތަރައްގީކުރުމާއި އަދި އެ އަތޮޅުގެ ތަރައްގީގައި ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ރިސޯޓްތަކާ ގުޅުން ބަދަހިކުރުމަށް ކުރަން ޖެހޭ ބައެއް ކަންތައްތަކުގެ މަޝްވަރާ ކުރިއަށް ގެންދެވުމާ ގުޅޭ ގޮތުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްރަށުގައި ސިޓީ ހޮޓާ ތަރައްގީކުރުމަށް އެކިފަރާތްތަކުން ހުށައަޅަމުން ގެންދަވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި ޓޫރިޒަމް މިނިސްޓަރުގެ މަޝްވަރާއެއް އަތޮޅު ކައުންސިލުން ހޯދީ ކަމަށެވެ.

ނަމަވެސް ކުރިއަށް ގެންދެވި މަޝްވަރާއާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނ. އަތޮޅުގައި ރިސޯޓު ތަރައްގީ ކުރުމަށް މިހާތަނަށް ސަރުކާރުން ދިހަ ރަށެއް، އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.