14 Jun 2010, 09:56
14:30
ކިރިގިސްތާނުގައި ފާއިތުވި ތިން ދުވަހުން ފެށިގެން ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ސަލާމަތީ ބާރުތަކުން ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ މަހު ކިރިގިސްތާނުގެ ސަރުކާރު ވައްޓާލާ ވެރިކަމާ ހަވަލާވެފައިވާ އާ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ކަމަށް ބެލެވޭ މި ހަމަނުޖެހުމުގައި، ކިރިގިސްތާނުގެ ދެކެނު ޖަލާލާބާދު ސަރަހައްދުގައި ދިރިއުޅޭ ކިރްގިޒް ނަސްލާއި އުޒްބެކް ނަސްލުގެ ދެމެދުގައި ދަނީ ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ހޫނު ކުރިމަތިލުންތަކެއް ހިނގަމުންނެވެ. ޚަބަރުތައް ލިބޭ ގޮތުގައި އުޒްބެކް ނަސްލުގެ މީހުން ހަމަލާތަކުން ސަލާމަތްވުމަށް ގެދޮރު ދޫކޮށް، ސަލާމަތްތެރި ހިސާބުތަކަށް ބަދަލުވަމުންދާއިރު، ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ކިރިގިސްތާނުގެ ސަރުކާރުން ވަނީ ހަމަނުޖެހުން އެންމެ ބޮޑު ދެކުނު ޖަލާލާބާދުގައު ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި ސަލާމަތީ ބާރުތަކަށް ހަމަނުޖެހުން ހިންގާ ފަރާތްތަކަށް ބަޑިޖަހާ މެރުމުގެ އިޚްތިޔާރުވެސް ކިރިގިސްތާނުގެ ސަރުކާރުން ވަނީ މިހާރު ދީފަ އެވެ. ނަމަވެސް، ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި ކިރިގިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ނުކުޅެދިފަ އެވެ.
އެހެންކަމުން މި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ރަޝިޔާގެ ސަލާމަތީ ބާރުތަކުގެ އެހީތެރިކަމަށް ކިރިގިސްތާނުން އެދިފައިވާއިރު، ރަޝިޔާއިން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ. ރަޝިޔާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ކުރީގެ ރޫސީ ވިލާތުގެ ބާރުގެ ދަށުގައި އޮތް މިހާރު މިނިވަން ދައުލަތެއް ކަމަށްވާ ކިރިގިސްތާނުގެ ދާޚިލީ މައްސަލައެއްގެ ތެރެއަށް ވަނުމަށްވުރެ އެގައުމުން ބޭނުންވަނީ، ކިރިގިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވެދިނުމަށެވެ.
ކިރިގިސްތާނުގެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ބޭރުގެ ފައުޖުތައް ފޮނުވުމާމެދު ގޮތެއް ނިންމުމަށް އ.ދ އިން ތައްޔާރުވަމުން އަންނައިރު، އެގައުމުގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. ޚަބަރުފަތުރާ ވަސީލަތްތަކުން އާއްމުކޮށްފައިވާ ވީޑިއޯ މަންޒަރުތަކަށް ބަލާއިރު، އެ ހަމަނުޖެހުމުގައި މީހުންގެ ގެދޮރާއި އިމާރާތްތަކަށް ގެއްލުންދީ އަލިފާން ރޯކޮށް، މަގުމަތީގައި ދުއްވާ އުޅަނދުފަހަރަށްވެސް އެތަކެއް ގެއްލުންތަކެއް ވަނީ ދީފަ އެވެ. އަދި ސަރަހައްދު ވަނީ ދުމުން ނިވާވެފަ އެވެ. މި ނަސްލީ ތަޅާފޮޅުންތަކުގައި 900 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
ކިރިގިސްތާނުގެ ވެރިކަމުން މިދިޔަ އޭޕްރިލްމަހު ދުރުކުރެއްވި އެގައުމުގެ ރައީސް ކުރްމަންބެކް ބަކިޔޭވް ވިދާޅުވެފައިވަނީ، ކިރިގިސްތާނުގެ ހަމަނުޖެހުމުގެ ފަހަތުފައި އޭނާގެ އަތެއް ނުވާ ކަމަށެވެ. އެހެންނަމަވެސް، ހަމަނުޖެހުން އެންމެ ބޮޑު ދެކުނު ކިރިގިސްތާނަކީ ބަކިޔޭވަށް ސަޕޯޓްކުރާ މީހުން ގިނަ ސަރަހައްދެއްކަމުން، މި ހަމަނުޖެހުމަކީ ކިރިގސްތާނުގެ ވަގުތީ ސަރުކާރު ވައްޓާލުމަށް ކުރީގެ ސަރުކާރުގެ ސަޕޯޓަރުން ރާވައިގެން ހިންގަމުންދާ ސިޔާސީ ހަމަނުޖެހުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.