އައްޑޫ ސިޓީ ގަމުގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްްސްއިން ހިންގަމުން ގެންދާ ޕައިލެޓް ލައިސަންސް ޕްރޮގްރާމުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން މަޑުޖެހިފައިވާތީ ރާއްޖެއިން ބޭރުގައި ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ކިޔެވުމަށް އެކި ފަހަރު މަތިން ލޯނު ދޫކޮށްފައިވާ 96 ފަރާތެއް މިހާރު ވެސް އައްޑޫގައި ކިޔަވަމުން އަންނަ ކަމަށާއި އެކުދިންގެ ކޯސް ނުނިމި ލަސްވާ މައްސަލަ މިނިސްޓްރީގެ ސަމާލުކަން އައިސްފައިވާ ކަމަށެވެ.

އެ މައްސަލައިގައި އެ ޕްރޮގްރާމަށް ހުއްދަ ދޫކޮށްފައިވާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެހެނިހެން ސްޓޭކްހޯލްޑަރުންނާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔަވަން ދޫކުރާ ލޯނު، ރާއްޖެއިން ބޭރުގައި ކިޔަވަން ބަދަލުކޮށް ނުދެވޭނެ އެވެ.

ނަމަވެސް ރާއްޖޭގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ކުދިންނަށް ކޯސް ކުރިއަށް ގެންދަން ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ، ދަރިވަރުންގެ އިހުތިޔާރުން ބޭރުގައިވާ ކަންކަމަށް ވާތީ އެ ދަރިވަރުންގެ ކިޔެވުން ރާއްޖެއިން ބޭރަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ނަމަވެސް މިގޮތުން ކިޔެވުން ފުރިހަމަކުރުމަށް އިތުރު ފައިސާއެއް ހަރަދުވާނަމަ، އެ ފައިސާ ހަމަޖައްސަން ވާނީ ދަރިވަރުން އަމިއްލައަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މި ފުރުސަތުގެ ދަށުން ރާއްޖެއިން ބޭރަށް ކިޔެވުން ބަދަލުކުރަން އެދޭނަމަ، ދާން ބޭނުންވާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ އާއި ފީ ސްޓްރަކްޗާ އަދި އައިޑީ ކާޑު ކޮޕީ މިނިސްޓްރީއަށް ހުށަހަޅަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ލޯނު ނަގައިގެން ތައުލީމު ހާސިލުކުރަން ފަށާއިރު، ކިޔަވަން ދާން ހުށަހަޅާ ތަނާއި ބެހޭ ސައްހަ މައުލޫމާތު ހޯދާ، އެއީ އެ ކުއްޖަކަށް އެންމެ ރަނގަޅު މަރުކަޒުކަން ކަށަވަރު ކުރުމަކީ ލޯނު ފައިސާއިން ދެކޮޅު ޖައްސާ އަދި ކިޔެވުން ފުރިހަމަކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވާތީ، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ.