ރާއްޖޭގައި ބޮޑެތި ކާރުހާނާތަކާއި ސިނާއަތްތަކެއް ނެތަސް ވައި ތަގައްޔަރުވުމުގެ ނުރައްކާ އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި "ބްރީތު ލައިފް ކެމްޕެއިން" އިފްތިތާހްކުރުމަށް ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ތިމާވެށި ތަގައްޔަރުވުމުގައި ބޮޑެތި އިންޑަސްޓްރީތަކުން މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ. އެހެން ނަަމަވެސް އެފަދަ އިންޑަސްޓްރީތައް ރާއްޖޭގައި ނެތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ވެށި ތަގައްޔަރުވެ ހަލާކުވުމުގައި އަޅުގަނޑުމެންގެ ގައުމުގައި އުފައްދާ ތަކެތި ހިއްސާކުރޭ. އަޅުގަނޑުމެން ދުއްވާ އުޅަނދުތަކުން ބޭރުކުރާ ދުމުން ކިިހިނެއްތޯ ވަނީ. ބޯޓުތައް ބަނުމުގައި ބޭނުންކުރާ ކެމިކަލްތަކާއި ފައިބަރުތަކުން ނުކުންނަ އެކި އެއްޗިއްސަށް ވަނީ ކިހިނެއްތޯ." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތްތަކުންނާއި އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ސީދާ ގޮތުންނާއި އަދި ނުސީދާގޮތުން ލިބޭ ގެއްލުންތަކުގެ މައްޗަށް މިނިސްޓަރު ވަނީ އަލިއަޅުވާލައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ފުއްޕާމެއަށާއި ހިތަށާއި އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ރާއްޖޭގައި ވަރަށް ބޮޑަށް އާންމުކަމަށާއި އަދި އެ ބަލިތައް ޖެހުމުގައި ވައިތަގައްޔަރުވުން ހިއްސާކުރާ ކަމަށެވެ. އަދި އެފަދަ ބައެއް ތަގައްޔަރުވުންތަކަކީ އެއްކޮށް ހުއްޓުވިދާނެ ކަންކަން ކަމަށާއި އަދި އެފަދަ ތަގައްޔަރުވުންތަކަށް އަޅުގަނޑުމެން ހުށަހެޅުމުގައިވެސް ހުއްޓުވިދާނެކަމަށެވެ.

އެގޮތުން އެކަމުގައި ފަރުދީ ގޮތުންނާއި އިންސްޓިޓިއުޝަންގެ ފެންވަރުގައިވެސް މަސައްކަތްކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.