30 Oct 2011, 14:32
ސ. ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލެއްޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ބޮޑެތި ޒަޚަމްތަކެއް ލިބުނު މީހަކަށް އިތުރު ފަރުވާދިނުމަށް މާލެ ފޮނުވާލައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑެތި ޒަޚަމްތަކެއް ލިބުނު ހިތަދޫ ވައިޓްލިލީ އަލީ ޝިރާޒްގެ ނޭފަތުގެ ކަށިގަނޑު ބިނދި ދަތް ދޮޅި އާއި މޫނުމަތީގެ އެކި ހިސާބަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. ޝިރާޒަށް އިތުރު ފަރުވާދިނުމަށް މާލެ ފޮނުވާލީ މިއަދު ހެނދުނު ކަމަށް ވެސް ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ދެ ވަނަ ސައިކަލުގައި ތިބި ދެ މަފިރިންގެ ތެރެއިން ފިރިހެން މީހާގެ ކަންފަތާއި ނިތްކުރިއަށް ބޮޑެތި ހާނިއްކަތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވެސް ސީޓީ ސްކޭނެއް ހެދުމަށް ފަހު މާލެ ފޮނުވާލަންޖެހިދާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން ވެސް އެ ސައިކަލުގެ ފަހަތުގައި އިން ހޮސްޕިޓަލުގެ މުވައްޒަފެއް ކަމަށްވާ އައިޝަތުއުލްފާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެޑްމިޓްކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ ދެ ސައިކަލު ޖެހި އެކްސިޑެންޓްވެފައި ވަނީ ހިތަދޫ ބޮޑުމަގުގައި ކަމަށާއި އަދި އެކަނި ސައިކަލުގައި އިން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށެވެ. އެކްސިޑެންޓްވި ހިތަދޫ ބޮޑު މަގަކީ ސާކްސަމިޓަށް ތާރުއަޅަމުން އަންނަ މަގެކެވެ.
މިމަހުގެ 23 ވަނަ ދުވަހުގެ ރޭ ސ. ހުޅުމީދޫގައި ލޯޑަރަކާއި ސައިކަލެއް ޖެހި ހިނގިއެކްސިޑެންޓެއްގައި 19 އަހަރުގެޒުވާނަކު ވަނީ މަރުވެފަ އެވެ.