ލަންޑަން (ޖުލައި 15) : އެމެރިކާއިން އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައިފިނަމަ އެކަމުގައި އިނގިރޭސިވިލާތުން އެމެރިކާއަށް އެއްބާރުލުން ދިނުމަކީ ވަރަށް ދުރުކަމެއްކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ ދެބޭފުޅުން ކަމަށްވާ ބޮރިސް ޖޯންސަން އާއި ޖެރިމީ ހަންޓް ވިދާޅުވެއްޖެ އެވެ.

ބޮރިސް ޖޯންސަން އަކީ އިނގިރޭސިވިލާތުގެ ކުރީގެ ހާރިޖީ ވަޒީރެވެ. ޖެރިމީ ހަންޓަކީ އިނގިރޭސިވިލާތުގެ މިހާރުގެ ހާރިޖީ ވަޒީރެވެ. ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ގުޅުވައިގެން ލަންޑަންގައި ނުކުންނަ "ދަ ސަން" ނޫހާއި އަމިއްލަ ރޭޑިއޯ ސްޓޭޝަނެއްކަމަށްވާ "ޓޯކް ރޭޑިއޯ" ގުޅިން އިންތިޒާމުކުރި ޓީވީ ބަހުސެއްގައި ކުރި ސުވާލެއްގެ ޖަވާބުގައި ބޮރިސް ޖޯންސަން އާއި ޖެރިމީ ހަންޓް ވެސްވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރަންޖެހޭނީ ސުލްހަވެރިގޮތުގައި ކަމަށް ވިދާޅުވެ އެމެރިކާ ޖަހަމުންދާ ހަނގުރާމައިގެ ބެރަށް ދެކޮޅު ހައްދަވާފައެވެ. އަދި އެމެރިކާއިން އީރާނާ ދެކޮޅަށް އިސްވެ ހަނގުރާމަ ފަށައިފިނަމަ އެކަމުގައި އެމެރިކާއަށް އެއްބާރުލުން ދިނުމަކީ އިނގިރޭސިވިލާތުގެ ގައުމީ މަސްލަހަތާ ފުށުއަރާ ކަމެއްކަމަށް ދެ ބޭފުޅުންވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ.

މިމަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންޒަވެޓިވް ލީޑާޝިޕް އިންތިޚާބުގައި ވާދަކުރައްވަނީ ބޮރިސް ޖޯންސަންއާއި، ޖެރެމީ ހަންޓެވެ. ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމުގެ މަގާމުން މިދިޔަ ޖޫން މަހުގެ 6 ދުވަހު ތެރީސާ މޭއިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމަށް ވާދަކުރެއްވި 8 ބޭފުޅުންނަށް ހައުސް އޮފް ކޮމަންސްގައި ހިމެނޭ ކޮންޒަވެޓިވް ޕާޓީގެ 313 މެންބަރުންގެ މެދުގައި ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ ކޮންމެ ބުރަކުންވެސް އެންމެ މަދުން ވޯޓު ލިބޭ ބޭފުޅަކު ބާކީވާ ގޮތަށެވެ.

މި ރޭހުގެ ފަހުބުރުގައި ވާދަކުރެއްވީ ބޮރިސް ޖޯންސަންއާއި ޖެރިމީ ހަންޓުގެ އިތުރުން މައިކަލް ގޯވް އެވެ. އެ ވޯޓުގައި ޖޯންސަންއަށް ހައުސް އޮފް ކޮމަންސްގެ ކޮންޒަވެޓިވް މެންބަރުންގެ ތެރެއިން މެންބަރުންގެ 160 ވޯޓު ލިބިވަޑައިގެންނެވިއިރު ހަންޓަށް 77 ވޯޓު އަދި ގޯވްއަށް 75 ވޯޓު ލިބިވަޑައިގެން ޖޯންސަންއާއި ހަންޓް ވަނީ މިމަހުގެ 22 ދުވަހު ކޮންޒަވެޓިވް ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބާއްވާ އިންތިހާބުގެ ކެންޑިޑޭޓުންނަށް ވެވަޑައިގެންފަ އެވެ.

މިޖުލައިމަހުގެ 22 ވަނަ ދުވަހު އިންތިހާބު ބާއްވަނީ ކޮންޒަވެޓިވް ޕާޓީގެ އާންމު މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ 160 ހާސް މެންބަރުންގެ މެދުގައެވެ. މިއިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކު ކޮންޒަވެޓިވް ޕާޓީގެ ލީޑަރަކަށް ވުމުގެ އިތުރުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަންވެސް އެބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ. ސަބަބަކީ އިނގިރޭސިވިލާތުގައި ވެރިކަންކުރާ ބަރުލަމާނީ ނިޒާމު އޮންނަ ގޮތުން އެގައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ވެރިކަންކުރާ ޕާޓީއެއް ލީޑަރުކަމަށްވާތީއެވެ. "ޔޫގޮފް ޓައިމްސް" އިން ކޮންޒަވެޓިވް ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ދާދިފަހުން ނެގި ޚިޔާލު ހޯދުމުގެ ސާވޭއަށް ބަލާއިރު ބޮޑު ތަފާތަކުން އެޕާޓީގެ ލީޑާޝިޕް އިންތިޚާބު ކާމިޔާބު ކުރައްވާނީ ބޮރިސް ޖޯންސަން އެވެ.

ޖޯންސަންއަކީ އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ އިނގިރޭސި ގައުމީ ފިކުރުގެ އަދި ޕޮޕިއުލިސްޓް ވިސްނުމުގެ ބޭފުޅެކެވެ. ޖޯންސަންވަނީ އޭނާއަށް ބޮޑުވަޒީރުކަން ލިބިއްޖެނަމަ އެއްބަސްވުމަކާ ނުލައިވެސް އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުން (ބްރެކްސިޓް) ގެ ކަންތައް ކޮޅެއްގައި ޖައްސާނެކަމަށް ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)