16 Jul 2019, 11:21
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕަމްޕް ސްޓޭޝަނެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕަންޕް ސްޓޭޝަން ހުޅުވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.
ޕަންޕް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު ނިޔާޒް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހޯދައި ދިނުމަށް ކަމަށެވެ.
"މިއަދު މި ހުޅުވުނު ޕަންޕް ސްޓޭޝަން އިން ރައްކާތެރި ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" މެމްބަރު ވިދާޅުވި އެވެ.
އެފްއެސްއެމް ހުޅުމާލޭ ޕަންޕް ސްޓޭޝަން ހުޅުވުން --- އެފްއެސްއެމް
މެމްބަރު ވިދާޅުވީ ޕަންޕް ސްޓޭޝަންގެ ސަބަބުން މަސްވެރިންނަށް ވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، އެހެންކަމުން މިއަދަކީ ހުރިހާ މަސްވެރިންނަށް ވެސް ހާއްސަ ދުވަހެއް ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ މިއަދު ހުޅުވި ޕަންޕް ސްޓޭޝަނަކީ އެ ކުންފުނީގެ ހިދުމަތަށް އިތުރުވި މުހިންމު ބޮޅެއް ކަމަށެވެ.
ގަސަމް ވަނީ ހުޅުމާލޭގައި ހުރި ސްޓޯރޭޖް އިތުރުކޮށްދިނުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެހީތެރިކަމަށް އެދިފަ އެވެ. ގަސަމް ވިދާޅުވީ މިހާރު ހުރި ސްޓޯރޭޖް އަކީ އެންމެ އެކަށީގެންވާ ސްޓޯރޭޖްއެއް ނޫން ކަމަށެވެ.
ދޯނި ފަހަރަށާއި އެއްގަމު އުޅަނދުތަކަށް ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު ތިން ހަތަރު ފަހަރު ސްޓޯރޭޖް ފިލް ކުރަން ޖެހޭ ކަމަށް ގަސަމް ވިދާޅުވި އެވެ.
އެހެންކަމުން ކައިރި ހިސާބަކުން އިތުރު ސްޓޯރޭޖެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ތެލުގެ ވިޔަފާރިއަކީ، ވިޔަފާރިއަކަށް ވުރެ ބޮޑަށް، ރައްޔިތުންނަށް ދޭ ހިދުމަތަކަށް ވާތީ އެންމެ އެދެވޭ ގޮތުގައި އެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހުން މުހިންމުކަން ގަސަމް ފާހަގަ ކުރެއްވި އެވެ.